ހަބަރު

ލުތުފީ މިރޭ ރާއްޖެ ގެންނަނީ

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެންނަން ނިންމައިފި އެވެ.

ފުލުހުން ބުނީ މިރޭ 9:30 ގައި ފުލުހުންގެ ޓީމުގެ ބެލުމުގެ ދަށުން ލުތުފީ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ރާއްޖެ ގެންނަނީ އެމިރޭޓްސްގެ EK653 ފްލައިޓުގަ އެވެ. ލުތުފީ މިރޭ މާލެ ގެނެސް ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު މިރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ލުތުފީ ފިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުންނެވެ. އޭގެ ފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާ އިރު ލުތުފީ ދިރިއުޅެމުން އައި ސްރީލަންކާގަ އެވެ. އަދި އޭނާ ލަންކާގައި ދިރިއުޅެމުން އައި "ޒާން"ގެ ނަމުގައި އެ ގައުމުގެ ރައްޔިތަކަށް ވެގެން ފިލައިގެންނެވެ.

އެހެން ނަމަވެސް ލަންކާގައި މި އަހަރު ހިނގި ޓެރަރިސްޓް ހަމަލާތަކަށް ފަހު ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކާ ހެދި، މެއި 1 ވަނަ ދުވަހު ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ހާޒިރުވެފަ އެވެ. ނަމަވެސް ލުތުފީ އެމްބަސީގައި ހުރި ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ސަރުކާރުން އެ ވާހަކަ ދައްކަން ފެށީ އޭގެ ދެ މަސް ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ.

އެ މައްސަލާގެ ދިފާއުގައި ސަރުކާރުން ބުނީ މިހާތަނަށް ވެސް ލުތުފީ ރާއްޖެ ގެންނަން ލަސްވެފައި ވަނީ ލަންކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަތައް ނުލިބިގެން ކަމަށެވެ. އެގޮތުން އެންމެ ފަހުން ބުނީ ލުތުފީ ރާއްޖެ ގެންނަން މަދު ވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމަށާއި އެ ލިބުނުހާ އަވަހަކަށް ރާއްޖެ ގެންނާނެ ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.

އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.

ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ. އިމްރާން މަޖިލީހަށް ހާޒިރުވެ ވިދާޅުވެފައި ވަނީ ލުތުފީގެ ހުކުމުގައި ބާކީ އޮންނާނީ ހަތަރު އަހަރާ ދުވަސްކޮޅެއް ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާ ފިލައިގެން ދިޔަ މައްސަލަ ވަކިން ބަލާނެ ކަމަށެވެ.