ހަބަރު

ތަރައްގީ ލިބޭނީ ތައުލީމީ ޖީލެއް ބިނާކޮށްގެން: ރައީސް

ސަރުކާރުގެ ތަރައްގީ އާއި އިގްތިސޯދުގެ ތަސައްވަރު ގުޅިފައިވަނީ ޒަމާނީ ތައުލީމު ލިބިފައިވާ ހުނަރުވެރި އަދި ފަންނުވެރި ޒުވާން ޖީލެއް ބިނާކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 އަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުން މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ތަނަވަސް ކޮށްދިން ފުރުސަތުތަކަކީ ސަރުކާރުގެ ޅަފަތުގައި ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި، ތަރައްގީ އާ ހަމައަށް ދެވޭނީ ފެންވަރު ރަނގަޅު ތައުލީމުން ސިކުނޑިތައް މުއްސަނދި ވެފައިވާ ޒުވާން ޖީލެއް ބިނާ ކުރެވިގެން ކަމަށެވެ.

"ސަރުކާރުން ފަހިކޮށްދިން ފުރުސަތުގެ ތެރެއިން، މި އަހަރު ރައީސްގެ އެވޯޑަށާއި ހައި އެޗީވާސް ސްކޯލާޝިޕް އަށް ހޮވުނު ދަރިވަރުންނަށް މިދިޔަ މަހުގެ ތެރޭގައި ވަނީ ސްކޯލާޝިޕްގެ ލިޔުން ހަވާލު ކުރެވިފަ. އެ ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭރަށް ފުރުމުގެ ކަންތައް މިހާރު އެ ދަނީ ހަމަޖެހެމުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދުނިޔޭން އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައިި ތައުލީމް ހޯދުމަށް ދިވެހި ޒުވާނުންނަށް މި ތަނަވަސްކޮށްދިން ފުރުސަތުތަކަކީ މި ސަރުކާރުގެ ޅަފަތުގައި ރާއްޖޭގެ ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅުތަކެއް" ރައީސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ އަށް އެންމެ ބޮޑަށް ބޭނުންވާ، އާ އީޖާދުތަކާއި އާ އުފެއްދުންތައް ލިބިގެން ނޫނީ ތައުލީމަށް ސަރުކާރުން ކުރާ ހޭދައިގެ ފޮނިމީރުކަން ބޭނުންވާ މިންވަރަށް ހާސިލް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ފެންވަރަށް އިލްމު އުނގެނިވަޑައިގެން ތިއްބެވި، ވަރަށް ތާޒާ ވިސްނުންތައް ގެންގުޅުއްވާ ބޭފުޅުން މިހާރުވެސް އެބަތިބި. އެހެން ނަމަވެސް، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ، އާ އީޖާދުތަކާއި، އާ އުފެއްދުންތައް ލިބިގެން ނުނީ ތައުލީމަށް ސަރުކާރުން ކުރާ ހޭދައިގެ ފޮނިމީރުކަން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ހާސިލް ނުކުރެވޭނެ. މިއީ ގައުމުގެ ތަރައްގީއަށްޓަކައި ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތީ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އޭލެވެލް ޓޮޕްޓެން އަށް އެރި ދަރިވަރުންގެ ތެރޭގައި، ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރޭގައި 34 ދަރިވަރަކު ހިމެނުނެވެ. އަދި، 11 ދަރިވަރަކު ވަނީ ފަސް މާއްދާއިން މުޅި ދުނިޔޭން އެއްވަނަ ހޯދާފަ އެވެ. މީގެ ތެރެއިން ދެ ދަރިވަރަކު ވަނީ ދެ މާއްދާ އަކުން އެއް ވަނަ ހޯދާފަ އެވެ.