ހަބަރު

މި ފެންނަނީ އައިއެސްއެސް ރާއްޖެމަތިން!

ދިގު ރޮނގެންހެން މަތިން ބޮޑު އަލިގަނޑެއް ފެނުނަސް މި ދުވަސްވަރު ބިރު ނުގަންނާށެވެ. ބައެއް ގައުމުތަކަށް މި އަލިގަނޑު ފެނިގެން ބައެއް މީހުން ފާޑުފާޑުގެ ވާހަކަ މިހާރުވެސް ވަނީ ދައްކާފަ އެވެ. އެކަމަކު މިއީ ބިރެއް ނޫނެވެ. އެއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެވެ. އެއީ މީގެ ކުރިން މިގޮތަށް ބިމުގައި ތިބެގެން ހަމަލޮލަށް ނުފެންނަ އެއްޗެއް ވެސް ނޫނެވެ.

މި ލިޔުމުގައި ހިމަނާފައި މި ވަނީ ޖައްވީ މިޝަންތަކުގައި ބޭނުންކުރުމަށް ޖައްވުގައި 1998 އިން ފެށިގެން ރާވާފައިވާ މި ބިޔަ ސްޓޭޝަން އިއްޔެ ރާއްޖެމަތިން ހުރަސްކުރި ވަގުތު ނަގާފައިވާ ފޮޓޯތަކެކެވެ. ގދ.މަޑަވެލި ހުޅަނގު ފަރާތުގައި ހުރެގެން މި ފޮޓޯތައް ނަގާފައި ވަނީ އިއްޔެ ރޭ 7:12 ގަ އެވެ.

"އައިއެސްއެސް ރާއްޖެމަތިން ޕާސްކުރާ ވަގުތު ފެނޭތޯ ބަލައިލަން ދިޔައީ. ދެން އެހެން ހުއްޓަ މި ފެނުނީމަ އަވަހަށް ފޮޓޯ ނެގީ،" ފޮޓޯ ނެގި މައުޒޫމް އަލީ ބުންޏެވެ.

ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ކިޔަވައި ނިންމުމަށް ފަހު މިހާރު ރަށަށް ޗުއްޓީ އަށް ގޮސް ހުރި އުމުރުން 18 އަހަރުގެ މައުޒޫމް މި ފޮޓޯތައް ނަގާފައި ވަނީ ނިކޮން D3000 އަކުންނެވެ.

"ވަރަށް ރީއްޗަށް ހަމަލޮލަށް ފެނުނު. ވަރަށް ބާރަށް ދިޔައީ،" މައުޒޫމް ބުންޏެވެ.

އައިއެސްއެސް އަކީ 239 ފޫޓް ދިގު 356 ފޫޓް ފުޅާ އަދި އުސްމިނުގައި 66 ފޫޓް ހުންނަ ބިޔަ އެއްޗެކެވެ. އެހެންވެ މިއީ ބިމުގައި ހުރެގެން ހޯދަން އުޅެފި ނަމަ އުނދަގުލެއް ނެތި ފެންނާނެ އެއްޗެކެވެ. މިހާރުވެސް އޭގައި ހަ މީހަކު އެބަތިއްބެވެ. އައިއެސްއެސް ދަތުރުކުރާ ދަތުރުކޮށްފައި ދަނީ ސިކުންތަކު ފަސް މޭލު ބާރުމިނުގަ އެވެ. ދަތުރުކޮށްފައި ވަނީ ބިމުން ފެށިގެން 431 ކިލޯމީޓަރު އުސްމިނުންނެވެ.