އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމި އެއް ޝަކުވާއަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލާގެ ލިޔުންތައް ނެގި މައްސަލަކަން އަވަސްއަށް އެނގިއްޖެ އެވެ.
އިކްރާމްގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައެއްގެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ހުރިހާ ލިޔެކިޔުމެއް ސުޕްރީމް ކޯޓުން ނެގީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ދަށު ކޯޓުތަކުގައި ހިނގާ ބައެއް މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓުން ނެގުމަކީ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. އެކަން ސުޕްރީމް ކޯޓަށް ނުކުރެވޭނެ ގޮތް ގާނޫނުގެ ތެރެއިން ހެދުމަށް އެމްޑީޕީއިން ދަނީ ވިސްނަމުންނެވެ.
ސުޕްރީމް ކޯޓުން އޭރު ބުނެފައިވަނީ އިކްރާމްގެ މައްސަލާގެ ލިޔުންތައް ނެގީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އިކްރާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތެއް ސާފެއް ނޫނެވެ.
މި މައްސަލަ ޖޭއެސްސީއިން ތަހުގީގު ކުރަން ފަށާފައިވާއިރު މިފަހަކާ ޖެހެންދެން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންނެވި ލަތީފާ ގާސިމަކީ އިކްރާމްގެ އަނބިކަނބަލުންނެވެ. ލަތީފާގެ މަގާމު ގެއްލުނީ ބާ ކޮމިޝަންގެ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ. އޭނާ ޖޭއެސްސީގައި އިންނެވީ ވަކީލުންގެ ފަރާތުން މެންބަރެއްގެ ގޮތުގަ އެވެ.
ނިމިގެންދިޔަ ސަރުކާރުގައި ޕީއެސްއެމްގައި އިކްރާމް ހުންނެވިއިރު އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މަގާމުގައި ހުންނަވައި ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވައި ޕީޕީއެމްގެ ސިޔާސީ އެއްވުންތައް ހުށަހަޅައިދީފައިވެ އެވެ. އޭރު ޕީއެސްއެމް ހިންގަމުން ދިޔައީ ވަރަށް ބޮޑަށް ސަރުކާރަށް ބުރަވެގެންނެވެ. އިދިކޮޅަށް އެއްވެސް ފުރުސަތެއް ނުދެ އެވެ. އޭގެ އިތުރުން ޕީއެސްއެމްގެ ތެރެއިން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުވާއިރު އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
އުއްތަމަ ފަނޑިޔާރާއި އަނެއް ދެ ފަނޑިޔާރާ ގުޅޭ ގޮތުން ދެން ބަލަން ނިންމާފައިވާ ޝަކުވާއަކީ އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅޭ މައްސަލައެކެވެ. އޭރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ ބޮޑު ބައެއް ބާތިލް ކުރީ މި ތިން ފަނޑިޔާރުންނެވެ.
އޭރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދަށް އެ އަމުރާ ގުޅިގެން ރިޝްވަތު ތުހުމަތުކޮށް ހައްޔަރުކޮށް ޖަލަށް ވެސްލި އެވެ. ނަމަވެސް ތިން ފަނޑިޔާރުންނަށް އެއްވެސް ތުހުމަތެއް ނުކުރެ އެވެ. އެ ބޭފުޅުންގެ ނިޔަތުގައި ވެސް މައްސަލައެއް ނެތް ކަމަށް އޭރު ދައުލަތުން ވަނީ ބުނެފަ އެވެ.
ތިން ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީއިން ވަނީ ހަތް މެންބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ނައިބު ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެންބަރު މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ތުޅާދޫ ދާއިރާ މެންބަރު ހިސާން ހުސެއިން ހިމެނެ އެވެ.
މައްސަލަ ބަލަން ނިންމި ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ އަރީފަކީ ޖޭއެސްސީގެ ރައީސް ވެސްމެ އެވެ.
މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް އާންމުކޮށް ހުޅުވާލައިގެން ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރި ކޮމެޓީއިން ރިޕޯޓް އެކުލަވާލައި ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ހުށަހަޅަން ވަނީ ލަފާ ދީފަ އެވެ.