"ޓްރެއިނީ ވަކީލުން"ގެ ގޮތުގައި ތިބި ވަކީލުންނަށް މިހާރުން ފެށިގެން ކޯޓުތަކުގައި ވަކާލާތު ކުރެވެން ޖެހޭނެ ކަމަށް ބާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާ މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން މީގެކުރިން އަމަލު ކުރަމުންދިޔަ ގޮތުން ވަކީލު ކަމުގެ ހުއްދަ ދިނުމަށްފަހު ޖުޑިޝަރީ އެކަޑެމީއިން ހިންގާ ޓްރެއިނެއް ފުރިހަމަ ކުރަން ޖެހެ އެވެ. ޓްރެއިނީ ވަކީލެއްގެ ގޮތުގައި އެއް އަހަރު އެ ޓްރެއިނިން ފުރިހަމަ ކުރަން ޖެހޭއިރު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބެނީ އޭގެ ފަހުގަ އެވެ.
މިހާރު އަމަލުކުރަން ފަށާފައިވާ ބާ ކައުންސިލްގެ ގާނޫނާއެކު މިކަން ވަނީ އުވިގެން ގޮސްފަ އެވެ. އާ ގާނޫނުގައިވާ ގޮތުން ދެން ވަކީލު ކަމުގެ ހުއްދަ ދޫކުރަނީ ބާ ކައުންސިލުންނެވެ. އަދި ބާ ކައުންސިލުން އެ ހުއްދަ ދޫކުރާނީ ގްރެޖުއޭޝަނަށްފަހު ކައުންސިލުން ހިންގާ ޓްރެއިނިންއެއް ފުރިހަމަ ކުރުމުންނެވެ.
ބާ ކައުންސިލުގެ ގާނޫނު ވުޖޫދަށް އައިއިރު ޓްރެއިނިން ވަކީލުންގެ ގޮތުގައި ގިނަ ވަކީލުންތަކެއް އެބަ ތިއްބެވެ. އެއީ މިދިޔަ އަހަރާއި މި އަހަރު ސުޕްރީމް ކޯޓުން ހުއްދަ ދިން ވަކީލުންނެެވެ. އެކަޑެމީގެ ޓްރެއިނިން އަދި އެ ވަކީލުން ނުނިމެ އެވެ. ނަމަވެސް ބާ ކައުންސިލްގެ ގާނޫނުގައި ކުރިން އަމަލު ކުރަން ދިޔަ އުސޫލުތައް ބާތިލްކޮށްފައިވާތީ އެ ވަކީލުން ތިބީ ހަދާނެ ގޮތް ނޭނގިފަ އެވެ.
އެ ވަކީލުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެން މައުމޫން ހަމީދު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ޓްރެއިނިން ވަކީލުންގެ ގޮތުގައި ތިބި ވަކީލުންނަށް މިހާރުން ފެށިގެން ކޯޓުތަކުގައި ވަކާލާތު ކުރެވެން ވާނެ ކަމަށެވެ. އެމީހުންނަށް އިތުރު ދުވަސްތަކެއް އަނެއްކާވެސް ބޭކާރު ވެގެން ދިޔުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ބާ ކައުންސިލުން ވަކީލު ކަމުގެ ހުއްދަ ދޫކުރާނީ ޓްރެއިނިން ނިމުމުން ކަމަށްވާއިރު ހުއްދަ ދީފައިވާ ވަކީލުންތަކަށް ބާ ކައުންސިލުގެ ޓްރެއިނިން ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ބާ ކައުންސިލުން އެ ޓްރެއިނިންތައް ފެށުމަށް ތައްޔާރީތައްވުމަށް ދުވަސް ނަގާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަށް ތާއިދު ކުރައްވާ ބާ ކައުންސިލްގެ އެކްސްކޯ މެންބަރެއްގެ މަގާމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު އިބްރާހިމް ވެސް ވިދާޅުވީ މިހާރު ވެސް އެ ވަކީލުން ކޯޓަކަށް ވަޑައިގެން މައްސަލަތައް ފައިލް ކުރައްވައި ވަކާލާތު ކުރައްވަންވީ ކަމަށެވެ. އެކަމުގައި ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މައުމޫން ހަމީދު ވަނީ ސުޕްރީމް ކޯޓުން ވަކީލުންނަށް ހުއްދަ ދިނުމުގައި ގެންގުޅުނު އުސޫލަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވަކީލުންނަށް ހިންގާ ޓްރެއިނިންގެ ފެންވަރު ދަށުވެފައި، އެ ޓްރެއިނިން އެންމެ ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދެވުނުކަން ފާހަގަކުރެއްވި އެވެ. ޖުޑިޝަލް އެކަޑެމީއަށް ބަޖެޓް ނުލިބޭތީ ޓްރެއިނިން ހިންގުމާއި ފެންވަރުގެ މައްސަލަ ވަރަށް ބޮޑެވެ.
އޭނާ ވިދާޅުވީ އެގޮތަށް ޓްރެއިނިން ރަނގަޅު ފެންވަރުގައި ހިންގެން ނެތްއިރު އެ ޓްރެއިނިން ފުރިހަމަ ކުރުން މަޖުބޫރު ކުރުމަކީ ހެދި ގޯހެއް ކަމަށެވެ. ޖުޑިޝަލް އެކަޑެމީ އުފެއްދުމުގެ ކުރިން ގްރެޖުއޭޝަނަށްފަހު ޓްރެއިނިންއެއް ފުރިހަމަ ކުރާކަށް ނުޖެހެ އެވެ. އޭރު ހުއްދަ ލިބުމާއެކު ކޯޓުތަކުގައި ވަކާލާތު ކުރެވެ އެވެ.