އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލިފައިވާ އެއްވެސް ފައިސާއެއް އަދި އަނބުރާ ހޯދިފައިނުވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި އޭސީސީއާ ގުޅިގެން ކުރި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް ގެއްލިފައިވާ އެއްވެސް ފައިސާ ހޯދިފައިނުވާ ކަމަށެވެ.
އަދި އެ ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ އެކައުންޓެއްވެސް ފުލުހުން މިވަގުތު ފްރީޒްކޮށްފައި ނުހުންނާނެކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދޯކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން ހަ ރަށެއްގެ އެކުއިޒިޝަން ކޮސްޓްގެ ފައިސާ އެއްވެސް ގޮތަކަށް ދައްކާފައިނުވާ ކަމަށެވެ. އެ މައްސަލަ ކުރީގެ ސަރުކާރުގެ އެކި އިދާރާތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ފުލުހުންގެ އިތުރުން އޭސީސީން ވެސް ފާހަގަކޮށްފައިވާނެކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.
އެ ހިޔާނާތުގައި ފުލުހުން ތުހުމަތުކުރާ މީހުންނާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. ނަމަވެސް، މިހާރުވެސް ކުރެވެމުންދާ ތަހުގީގަކަށްވާތީ ހުޅުވާލެވިގެން ގެންދާ ބައްދަލުވުމެއްގައި ހާމަކުރަން އުޒުރުވެރިވާކަމުގައި ރިޔާޒް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 79 މިލިއަން އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އެންމެ 12.8 މިލިއަން ޑޮލަރެވެ. ރިޔާޒް މިއަދު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރުމުގެ ހުރިހާކަމެއް ހިންގާފައިވަނީ ދުރާލައި ރޭވިގެން، ވަކި ފަރާތަކަށް ރަށްތަކާއި ފަޅުތައް ދިނުމުގެ ބޭނުމުގައިކަން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.
އަދި އެކަން ކުރުމަށްޓަކައި، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ބޮޑެތި ބާރުތައް ދިނުމަށް އެ ކުންފުނީގެ ބޯޑުން ފާސްކުރި ލިޔުމަކީ ފޯޖުކޮށްފައިވާ ލިޔުމެއް ކަމަށާއި، އެކަމާ ގުޅިގެން ދައުވާކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެގޮތުން، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ބިނާކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި 49 ރަށެއްގެ މައްސަލައެއްގެ ތަހުގީގު ނިންމައި، ޕީޖީ އަށް ވަނީ ފޮނުވައިފަ އެވެ. އަދި 2016 ވަނަ އަހަރުގެ ކުރީކޮޅު 21 މައްސަލައެއްގެ ތަހުގީގު ނިންމައި ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.
އެ ބައްދަލުވުމުގައި ގިނަ މައުލޫމާތުތަކެއް ހާމަކުރަން އުޒުރުވެރިވުމުން، ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެވެ. އެކަމަކު، ކޮމިޓީ ނިންމާލީ، ފުލުހުންނާ އެކު ސިއްރު ބައްދަލުވުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.