ހަބަރު

ވެހިކަލްގެ އުމުރު ކަނޑައެޅުމުގެ މައްސަލަ ކެބިނެޓަށް

ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތައް މަދުކުރުމުގެ ގޮތުން ވެހިކަލް ބޭނުން ކުރެވޭނެ އުމުރު ކަނޑައެޅުމުގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ކެބިނެޓަށް ހުށަހަޅައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވީ ރާއްޖޭގައިވެސް ވެހިކަލް ބޭނުން ކުރެވޭނެ އުމުރެއް އޮންނަން ޖެހޭ ކަމަށައި އެހެންކަމުން ވެހިކަލުގެ އުމުރު ކަނޑަ އަޅަން ޕޭޕަރެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

"މިހާރު ވާނީ އެ ޕޭޕަރެއް ރެޑީކޮށް ކެބިނެޓާ ހިއްސާ ކުރަން ފޮނުވާފައި އެކަމަކު އަދި އެކަން ކެބިނެޓްގައި އެޖެންޑާއެއް ނުކުރޭ. ކުރެވުމުން އޭރުން އެކަމާމެދު މަޝްވަރާ ކުރެވިގެން ދާނެ،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއްގަމު އުޅަނދު ފަހަރު ދުއްވޭނެ އެންމެ ދިގު މުއްދަތެއް އޮންނަން ޖެހޭ ކަމަށް އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް މި ވާހަކަ ދައްކަނީ ތިމާވެއްޓަށް. ނޭވާލަން ފަސޭހަ މާހައުލެއް ބިނާ ކުރުމުގެ ވާހަކަ. މިގޮތަށް ވާހަކަ ދައްކާއިރު އެންމެނަށް ވެސް ކުޑަކޮށް އުނދަގޫ ވެދާނެ ހާލަތެއް އަތުވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް އުސޫލަކާ ގަވާއިދެއް އޮންނާނެ ކަމަށާ، ގަވާއިދު ހެދުމުން އެއަށް ތަބާވާން ވެސް ޖެހޭނެ ކަމަށެވެ.

"ވެހިކަލް ބޭނުން ކުރެވޭނެ ވަކި އަދަދެއް ކަނޑައަޅައި ސަރުކާރުން ނޫނީ ރައްޔިތުން މަޖިލީހުން ގޮތެއް ނިންމީމަ އެކަމަށް ތަބާވާން ވާނެ. ފޮލޯ ކުރަން ވާނެ،" ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓުގެ ހިސާބުތައް ދައްކާ ގޮތުގައި މާލޭގައި މިހާރު ލައްކައެއްހާ ސައިކަލާއި 6،000 އަށްވުރެ ގިނަ ކާރު ދުއްވަ އެވެ.