ދާދި ފަހުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ވައިގަ ހިފި މައްސަލައެކެވެ. އަންހެނަކު މަގުމަތިން ދިމާކޮށްލި ފުރައްސާރަ ކުރާ ފިރިހެނެކެވެ. ފަހަތުން އަޅުވައިލި ގޮތަށް ނެއްޓެން ނޭނގުނެވެ. އެ މީހާގެ ބަސްމަގާއި އަމަލު ހުރި ގޮތުން އެ އަންހެން މީހާ ހުއްޓުން އަރައި، ފެންކަޅިވި އެވެ. ހިތްވަރު ކޮށްލެވުނީ އަތުގައި އޮތް ފޯނު އޭނާއާ ދިމާލަށް ދިއްކޮށްލައި ވީޑިއޯޯ ކޮށްލާށެވެ. އެއަށް ފަހު ހިތުގައި ހުރި އުދާސްތައް ބަންޑުންކޮށްލީ ޓްވިޓާގެ ތްރެޑަށެވެ.
އެ އަންހެން މީހާގެ އަޑު ސޯޝަލް މީޑިއާގެ ވަރަށް ގަދަވި އެވެ. އިސާހިތަކު ސަރުކާރުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިންގެ އެ ތްރެޑުގެ ތެރެއަށް އެއްވެއްޖެ އެވެ. ވީއެންމެ އަވަހަކާ އެ ޓްވީޓަށް ޖަވާބު ދީ، 24 ގަޑިއިރުގެ ތެރޭގައި އެ މުސްކުޅި މީހާ ހައްޔަރު ކުރި އެވެ. އަދި ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި އެ މައްސަލާގައި މިހާރު އޮތީ ތަހުގީގު ނިންމައި ދައުވާ ކުރަން އެދި މައްސަލަ ޕީޖީއަށް ފޮނުވާފަ އެވެ.
މި ފެންނަނީ ކިހާ ރަނގަޅު މަންޒަރެއް ހެއްޔެވެ؟ މި ސަރުކާރުގެ ސްޕީޑު ނެތޭ ކިޔައިގެން މި ދައްކަނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟ ރައްޔިތަކު އެހީއަށް އެންމެ ބޭނުންވީ ވަގުތު މުޅި ދައުލަތް އެކަމަށް ހުސްވެ ވަގުތުން ވަގުތަށް އިންސާފު ހޯދަ ދިނީ އެވެ. -- އެއާ ގުޅިގެން އައި ޓްރެންޑެއްގައި މީހަކު، މީހަކާ ދިމާއަށް ބަލައިލެވޭ ގޮތަކުން ފޮޓޯއެއް ނަގާފައި "ހަ...." ބުނި ކަމަށް ނިންމައި ސޯޝަލް މިޑިއާގައި އަޑު ގަދަ ކުރުން އެއީ މުޅީން އެހެން ކަމެކެވެ.
އެފަދަ އެހެން މައްސަލައަކެވެ. އަވަސް އޮންލައިނަށް އައި ފޯން ކޯލެއްގައި ބައްދަލުވާން އެދުނެވެ؛ މި މައްސާލާގައި ހިމެނޭ މީހާ އެ ވާހަކަ އަޑުގަދަކޮށްލައި ސޯޝަލް މީޑިއާއެއްގައި ނުދައްކަ އެވެ. ކުޑަ އާއިލާއެއް އޮތް އެ މީހާއާ ބައްދަލުވުމުން އޭނާ ނެރެ ކުރި މައްޗަށް ޖެހީ ބޮޑު ބަރު ފައިލެކެވެ. އޭގެ ތެރޭ ހުރީ ދިގު ސިޓީތަކާއި ލިޔުންތަކާއި ތަފާތު ފޯމުތައް ފުރައި ބަންޑެލިޖަހާފައި ވެއެވެ. އެއީ އެ އާއިލާގެ މެންބަރަކަށް ދިމާވި އެފަދަ ހާދިސާއެއްގައި މީހަކަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ސިޓީތަކެވެ. ސަރުކާރުގެ ނުފޫޒު ގަދަ މީހުންނާއި ސިޔާސީ އިސް ފަރާތްތަކަށް ފޮނުވި ސިޓީތަކެވެ. އެތައް ދުވަހެއް ވެއްޖެ އެވެ. ފިޔަވަޅެއް ނޭޅޭތާ ކުޑަ މިނުން ރަނގަޅު ޖަވާބެއް ވެސް ނުދިނެވެ.
މި މައްސަލާގައި ތަފާތަކީ އެ މައްސަލަ ސޯޝަލް މީޑިއާގެ ސަމާލު ކަމަށް ނައުމެވެ. އެއީ އެ އާއިލާއިން އެންމެ ބޭނުންވި ގޮތެއް ވެސް ނޫނެވެ. ބޭނުންވީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތުގެ މަތިން ދައުލަތުގެ އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށެވެ. އެކަމަކު "ޓްވިޓާ ކައުންޓަރަށް" ހުށަހަޅައިގެން ލިބޭ ފަދަ އަވަސް "އެކްސްޕްރެސް" ހިދުމަތެއް ނުލިބެ އެވެ.
މައްސަލައެއް ވަރަށް ލަހެވެ. އިސް ކަމެއް ނުދެ އެވެ. އޮންނަނީ ސަމާލު ކަން ވެސް ނުލިބި އެވެ. އެ ވާހަކަ ދައްކާނެ މީހަކު ނުވެ އެވެ. އަޑުގަދަ ނުވުމުން އިންސާފެއް ނުލިބި އެވެ. އަޑު މަޑު މީހާއަށް އިންސާފެއް ނުލިބެ އެވެ. އިންސާފު ލިބެނީ އަޑު ގަދަ މީހާއަށެވެ. އެކަމަކު އެހެން ގާނޫނަކު ނޯވެ އެވެ. ގާނޫނު ބުނަނީ އިންސާފު އެންމެނަށް ހަމަހަމައޭ އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ސޯޝަލް މީޑިއާގައި މި ވާހަކަތައް ޖަހައިގެން ބޮޑު ސަމާލު ކަމެއް ހޯދާކަށް. އެކަމަކު އެހެން ރައްޔިތުންނެކޭ އެއްފަދައިން އަޅުގަނޑުމެނަށް ވެސް ހައްގުވޭ އަވަސް ހައްލެއް. އެކަމަކު އަޑުގަދަ މީހާއަށް ރުއް ގިނަވާ އުސޫލުން ކަންކަން ކުރުމަކީ އެއީ މިހާރު ފެންނަ މަންޒަރު،" އެ އާއިލާ މެންބަރަކު ބުންޏެވެ.
މި ސަރުކާރާ މެދު ގިނަ ބަޔަކު ހިތްހަމަ ޖެހޭ އެއް ސަބަބަކީ އާންމު ރައްޔިތަކާ ހަމަޔަށް ވެސް އެންމެ މަތީ ފަންތީގެ މީހުން ތިރިވެ، ވާހަކަ ދައްކާ މައްސަލަތަކަށް ހައްލު ހޯދައި ދެއްވާތީ އެވެ. އެންމެ މީހަކު ކޮށްލާ ޓްވިޓަކަށް ވުޒާރާތަކުގެ ވެރިން ޓްވިޓާއަށް "ހާޒިރުވެ ވަޑައިގަންނަވަ" އެވެ. ޖަވާބު ދާރީ ކުރުވަން ކޮންމެހެން މަޖިލީހެއް، އެކަމަކާ ގުޅޭ މުއައްސަސާއެއް ބޭނުން ނުވެއޭ ބުންޏަސް ދޮގަކަށް ނުވެ އެވެ. ބޭނުން ވަނީ އަޑުގަދަ މީހެއްގެ އެކައުންޓުން ޓްވީޓެއް ކޮށްލައި މިނިސްޓަރު ޓެގުކޮށްލުމެވެ.
މިއީ ސަރުކާރުގެ ވެރިންގެ ނުރަނގަޅު އާދައެކޭ ބުނެފިއްޔާ އެއީ އަދި މުޅިން ތެދަކަށް ނުވެދާނެ އެވެ. ސަބަބަކީ ރައްޔިތުންގެ ސަރުކާރެއްގައި ކޮންމެ މަގާމެއްގައި ހުއްޓަސް ރައްޔިތުންނާ ހަމަޔަށް ތިރިވާން ޖެހޭނެ އެވެ. ރައީސުލްޖުމްހޫރިއްުޔާ "ޖަޒީރާ ހޮޅުއައްޓަށް" ވަޑައިގަންނަވަނީ ވެސް އެހެންވީމަ އެވެ. ރައްޔިތު މީހާ އާއި ވެރިން ވާހަކަ ދައްކާ، މައްސަލަތައް ހުށަހެޅޭނެ ފަސޭހަ ގޮތެއް އޮތުމަކީ އަދި ވަކިން ތާއީދު ކުރެވޭ ކަމެކެވެ. އެ ފުރުސަތު މި ސަރުކާރުން ގާއިމް ކޮށްދީފައި އޮތުމަކީ ރަނގަޅެކެވެ.
އެކަމަކު އަހާލަން ޖެހޭ ސުވާލަކީ ސޯޝަލް މީޑިއާއަކީ ހުރިހާ ރައްޔިތުން ޖަމާވެފައި އޮންނަ ޕްލެޓްފޯމެއް ހެއްޔެވެ؟ ސޯޝަލް މީޑިއާގައި ގިނަ މީހުންގެ ހިޔާލު ހުންނަ ގޮތަކީ އެއީ އަދި މެޖޯރިޓީ ރައްޔިތުންގެ ހިޔާލަށްވާނެ ހެއްޔެވެ؟ އެންމެ ބޮޑަށް އެހީ ބޭނުންވެފައި ހުންނަ މީހާއަކީ ޓްވިޓާ ނުވަތަ ފޭސްބުކްގައި އުޅޭ ބަޔަކަށް ވެދާނެ ހެއްޔެވެ؟ ނޫނިއްޔާ ސޯޝަލް މީޑިއާއަށް ބަލަ ބަލައި ނުތިބެ، އިދާރާތަކާއި މުއައްސަސާތަކުގައި ފުރި ބަނޑުންވެފައިވާ ސިޓީތަކާއި މައްސަލަތަކަށް އިސްކަން ދޭނީ ކޮން އިރަކުން ހެއްޔެވެ؟ އެ މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިފައި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންނަ މައްސަލަތައް ފާސްޓް ޓްރެކްގައި ދަނީ ކީއްވެ ހެއްޔެވެ؟ އެ ތަފާތު ކުރުން އޮންނަން ޖެހޭ ހެއްޔެވެ؟
މި މައްސަލައިގެ ވަރުގަދަ މިސާލެއް ދާދި ފަހުން ފެނިގެން ދިޔަ އެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ މީހަކު އިބްރާހިމް ވަހީދު (އިއްބެ) ގެ ސައިކަލުގައި ޖައްސާ އޭނާގެ މުޅި ހަޔާތް ބަރުބާދުކޮށްލި އިރު ވެސް ސަރުކާރަކަށް އެކަން މުހިންމެއް ނުވި އެވެ. އަލުން އާ ސަރުކާރެއް ވެރިކަމާ ހަވާލުވުމަށް ފަހު ވެސް އެ މީހާއަށް ފިޔަވަޅު އަޅައިދޭތޯ އާއިލާއިން އެތައް ފަހަރަކު ޓްރާންސްޕޯޓަށާއި ފުލުހުންނަށް ސިޓީލި އެވެ. އެތައް ސިޓީއަކަށް ފަހު ޓްރާންސްޕޯޓުން ދިން ޖަވާބަކީ "މިނިސްޓްރީ އުފެދުމުގެ ކުރިން ހިނގާފައި ކަަމަކަށް ވާތީ ފިޔަވަޅު ނޭޅޭނެ" ވާހަކަ އެވެ.
އެހެން ނަމަވެސް އެކަން ރަސްމީ މީޑިއާ އަށާއި ސޯޝަލް މީޑިއަށް ގެނައި ހިސާބުން ދުވަހުން ދުވަހަށް ޓްރާންސްޕޯޓާއި ފުލުހުންގެ ރާގު ބަދަލުވި އެވެ. މައްސަލަ އެލާޓަށް އައިސް އޭނާގެ ލައިސަންސް ބާތިލު ކުރި އެވެ.
އެވީ ކިހިނެތް ހެއްޔެވެ؟ މީޑިއާގައި ފެންމަތިވުމާއެކު ހިދުމަތުގެ ސްޕީޑު ވެސް ބަދަލުވީ ކީއްވެ ހެއްޔެވެ؟ ވަކި ބަޔަކަށް ވަކި ގޮތެއް ހެއްޔެވެ؟ ނޫނީ މިއީ ހައްތަހާ ވެސް މަތި އޮމާން ކުރުން ހެއްޔެވެ؟
"ސައިކަލު ދުއްވި މީހާއަށް ފިޔަވަޅު އެޅިކަން އެނގުނީ ހަބަރުގައި އެ ވާހަކަ ޖެހުމުން. ފުލުހުންނާއި ޓްރާންސްޕޯޓުން އަޅުގަނޑުމެން ހުށަހެޅީ ސިޓީއަކަށް ޖަވާބެއް ނުދޭ އިތުރަކަށް. ފުރަތަމަ ވެސް ބެލީ ސުރުހީތަކަށް އަރާތޯ. ދެން އޭގެ ދެ ދުވަސް ފަހުން އެ މީހާއަށް ފިޔަވަޅު އެޅިކަން އެންގި،" އިއްބެގެ އާއިލާ މެންބަރަކު ބުންޏެވެ.
މިއީއަކީ ކުޑަ ކަމެއް ނޫނެވެ. އަދި މަދު ބައެއްގެ ޝަކުވާއެއް ވެސް ނޫނެވެ. ޓްވިޓާ އާއި އެހެން ސޯޝަލް މީޑިއާތަކުގައި ގިނަ މީހުން މި ވާހަކަ ނުދެއްކިޔަސް މިއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ޓްވިޓާ ތެރޭގައި އަޑުގަދަ ކުރުމަށް ވުރެ އާންމު އުސޫލުން މައްސަލަތައް ހުށަހަޅާ މީހުންގެ ވެސް ހައްގެއްވެ އެވެ. އެ މީހުން ވެސް މައްސަލަތައް އަވަސް ކުރަން ބޭނުންވެ އެވެ. އިންސާފު ބޭނުންވެ އެވެ. ޒަމާނެއްގައި އަޑު ގަދަ މީހާގެ ރުއް ގިނަވި އުސޫލުން މިއީ ޓްވިޓާގައި ހަޅޭލަވާ މީހާއަށް އިންސާފު ލިބޭ ދުވަސް ކަމަށް ވަންޏާ ދެން ނިޒާމެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ.