ޓްރާންސްޕޯޓް އޮތޯރިޓީ

މިހާރު ރާއްޖޭގައި ތިބީ އެންމެ 140 ސީމަނުން!

ރާއްޖެއިން ބޯޓު ދަތުރު ކުރަންދާ ސީމަނުންގެ އަދަދު ބޮޑު ތަނުން މަދުވެ، މިހާރު ރާއްޖޭގައި ތިބީ އެންމެ 140 މީހުން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފި އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ރާއްޖެއަށް މީގެ ކުރިން ވަރަށް ގިނަ އަދަދަކަށް ބޭރު ފައިސާ ލިބެމުން އައި ސީމަނުން ނުވަތަ ބޭރުދަތުރު ކުރާ މީހުންގެ ގޮތުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑުތަން މަދުވެ އެ ދާއިރާ ހީނަރުވެފައިވާ ކަމަށެެވެ.

އާދިލު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެން ޝަރަފުވެރި ވަޒީފާއެއްގެ ގޮތުގައި ގިނަ ބަޔަކު ބޯޓު ދަތުރު ކުރަމުން ގެންދިޔަ ނަމަވެސް ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު ބޭރަށް ބޯޓު ދަތުރުކުރަންދާ މީހުންގެ ނިސްބަތް ބޮޑު ތަނުން ވެއްޓިފައިވާ ކަމަށެވެ.

ބައެއް ތަފާސް ހިސާބުތަކަށް އިޝާރާތް ކުރައްވާ އާދިލް ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރުގެ ރެކޯޑުތަކުން ދައްކާ ގޮތުން ދިވެހި ސީމަނުންގެ ގޮތުގަތުގައި ތިބީ 283 މީހެކެވެ. އަދި 2018 ވަނަ އަހަރު އެ އަދަދު 270 މީހުންނަށް ދަށްވި އިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ތިބީ 140 މީހުނެވެ.

އޭނާ ވިދާޅުވީ މިއީ ކުރިންސުރެ ރާއްޖެއިން ވަރަށް ފަރުވާތެރި ކަމާއެކު ފުޅާކޮށް ރާއްޖެއަށް ބޭރު ފައިސާ ވައްދަމުން އައި ދާއިރާއެއް ކަމަށާއި 10 އަހަރު ދުވަހުގެ ތެރޭގައި ދެވުނު ސަމާލުކަން ކުޑަވެ ސޮއްސާލާފައިވާ ހިސާބަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިއީ ރާއްޖެއަށް ލިބޭ އާމްދަނީގެ އިތުރުން ބޭރު ފައިސާގެ ނިސްބަތް ވަރަށް ބޮޑަށް މަދުވެގެން ދާނެ ސަަބަބެއް ކަމަށެވެ.

އާދިލް ވިދާޅުވި ގޮތުގައި ސީމަނުންގެ ދާއިރާ ހަރުދަނާކޮށްފި ނަމަ ރާއްޖޭ އިގްތިސޯދަަށް އިތުރު ކުރިއެރުން އަންނާނެތީ އާއި އެ ދާއިރާ ހީނަރުވެފަވާ މިންވަރު ބޮޑު ކަމުން އެކަން ހައްލު ކުރުމަށް މިހާރުން ފެށިގެން މަސައްކަތްތަކެއް ކުރަންޖެހޭތީ ތިން އަހަރު ދުވަހަށް ބަހާލައިގެން 60 ސީމަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަން މިހާރު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކަކާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން މިދަނީ. ޓްރާންސްޕޯޓް މިނިސްޓްރީގެ ވިސްނުމެއް މިއީ މެރިޓައިމް ދާއިރާއިން މީހުން ބިނާ ކުރަން ހާއްސަ ސަމާލު ކަމެއް ދީގެން، މިނިސްޓަރުގެ އިސް ނެގެވުމުގެ ދަށުން ވަނީ ޕްރޮގްރާމެއް ފަށަން މިހާރު ތައްޔާރު ވެފައި. މިގޮތުން ޑެކް އޮފިސަރުންނާއި އިންޖީނާބެހޭ ބައިގެ މީހުން ތަމްރީން ކުރަން ވަރަށް އަވަހާ ފަށާނެ،" އާދިލް ވިދާޅުވި އެވެ.

ރާއްޖޭގައި ބޯޓު ދަތުރުކުރާ މީހުންގެ އަދަދު މަދުވެގެން ދިޔައިރު، ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 1،000 ސީމަނުން ތަމްރީން ކުރަން ކޯހެއް ހިންގާފައި ވެއެވެ. އެ ކޯސް ފުރިހަމަކޮށްގެން ރާއްޖެއިން ބޯޓު ދަތުރު ކުރަން ދިޔައީ ކިތައް މީހުންކަމެއް އެ ސަރުކާރަކުން ވެސް އަދި މި ސަރުކާރަކުން ވެސް ނުބުނެ އެވެ.

ރާއްޖޭގެ ބޯޓު ދަތުރު ކުރަން ދިއުމަކީ 1970 އަރުތަކުގެ ކުރީކޮޅުން ފެށިގެން ވަރަށް ފުޅާކޮށް އޮތް ކަމެކެވެ. ރާއްޖެއިން ބޯޓު ދަތުރު ކުރަންދާ މީހުންނަށް ހާއްސަ ގިނަ އެޖެންސީތަކެއް ވެސް ރާއްޖޭގައި ކުރިން ހިންގާފައި ވެއެވެ.