އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ ގެ ބަޔާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނަގައިފި އެވެ.
އެ ތިން ފަނޑިޔާރުންނާ ގުޅޭ ދެ ޝަކުވާއެއް ޖޭއެސްސީއިން ބަލަމުން ދާއިރު އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން މިއަދު އަވަސް އަށް ވިދާޅުވީ ޝަކުވާއާ ގުޅިގެން ތިން ފަނޑިޔާރުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.
ޖޭއެސްސީއިން އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއްކަން ހާމަ ކޮށްފައެއް ނުވެ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީއިން ބަލަމުންދާ އެއް ޝަކުވާއަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލާގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަ އެވެ. އިކްރާމްގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައެއްގެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ހުރިހާ ލިޔެކިޔުމެއް ސުޕްރީމް ކޯޓުން ނެގީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ދަށު ކޯޓުތަކުގައި ހިނގާ ބައެއް މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓުން ނެގުމަކީ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. އެކަން ސުޕްރީމް ކޯޓަށް ނުކުރެވޭނެ ގޮތް ގާނޫނުގެ ތެރެއިން ހަދަން އެމްޑީޕީއިން ދަނީ ވިސްނަމުންނެވެ.
ސުޕްރީމް ކޯޓުން އޭރު ބުނެފައިވަނީ އިކްރާމްގެ މައްސަލާގެ ލިޔުންތައް ނެގީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އިކްރާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތެއް ސާފެއް ނޫނެވެ.
މި މައްސަލަ ޖޭއެސްސީއިން ތަހުގީގު ކުރަން ފަށާފައިވާއިރު މިފަހަކާ ޖެހެންދެން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންނެވި ލަތީފާ ގާސިމަކީ އިކްރާމްގެ އަނބިކަނބަލުންނެވެ. ލަތީފާގެ މަގާމު ގެއްލުނީ ބާ ކޮމިޝަންގެ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ. އޭނާ ޖޭއެސްސީގައި އިންނެވީ ވަކީލުންގެ ފަރާތުން މެންބަރެއްގެ ގޮތުގަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަނެއް ދެ ފަނޑިޔާރާ ގުޅޭ ގޮތުން ދެން ބަލަން ނިންމާފައިވާ ޝަކުވާއަކީ އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅޭ މައްސަލައެކެވެ. އޭރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ ބޮޑު ބައެއް ބާތިލް ކުރީ މި ތިން ފަނޑިޔާރުންނެވެ.
އޭރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދަށް އެ އަމުރާ ގުޅިގެން ރިޝްވަތު ތުހުމަތުކޮށް ހައްޔަރުކޮށް ޖަލަށް ވެސްލި އެވެ. ނަމަވެސް ތިން ފަނޑިޔާރުންނަށް އެއްވެސް ތުހުމަތެއް ނުކުރެ އެވެ. އެ ބޭފުޅުންގެ ނިޔަތުގައި ވެސް މައްސަލައެއް ނެތް ކަމަށް އޭރު ދައުލަތުން ވަނީ ބުނެފަ އެވެ.
ތިން ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީއިން ވަނީ ހަތް މެންބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ނައިބު ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެންބަރު މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ތުޅާދޫ ދާއިރާ މެންބަރު ހިސާން ހުސެއިން ހިމެނެ އެވެ.
މައްސަލަ ބަލަން ނިންމި ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ އަރީފަކީ ޖޭއެސްސީގެ ރައީސް ވެސްމެ އެވެ.
މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް އާންމުކޮށް ހުޅުވާލައިގެން ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރި ކޮމެޓީއިން ރިޕޯޓް އެކުލަވާލައި ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ހުށަހަޅަން ވަނީ ލަފާ ދީފަ އެވެ.