އިމްރާން އަބްދުﷲ

ކުށުގެ ނެޓްވޯކްތައް ހުއްޓުވަން ބޮޑު ފިޔަވަޅަކާ ދިމާލަށް

ކުށުގެ ބޮޑެތި ނެޓްވޯކްތައް ހުއްޓުވުމަށް އދ. އާއި އަވަށްޓެރި ގައުމުތަކާ ގުޅިގެން އެއްބަސްވުންތަކެއް ގާއިމުކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކަން ހާމަ ކުރެއްވީ އަވަސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އިމްރާން ވިދާޅުވީ ދުނިޔެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ގައުމުތަކުގެ މެދުގައި ހިންގަމުންދާ ކުށުގެ ބޮޑެތި ނެޓްވޯކްތަކުގެ މައްސަލަ ކަމަށެވެ. އެ ނުރައްކާ ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. ބޮޑެތި ނެޓްވޯކްތަކުން ކުށްތައް ހިންގަމުންދާއިރު އެފަދަ ނެޓްވޯކްތައް ހުއްޓުވުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މުޅި ދުނިޔޭގެ ވެސް ކުށުގެ ވެށި މިދަނީ ބަދަލުވަމުން، ޓްރާސްނޭޝަނަލް ކްރައިމް ވަރަށް ބޮޑަށް ހައިވެގެން އެބަދޭ، އަޅުގަނޑުމެން މިކަމަކަށް ފުން ވިސްނުންތަކެއް ވިސްނަން އެބަޖެހޭ، އަޅުގަނޑުމެންގެ ގައުމުގައި ވެސް މިފަދަ ނެޓްވޯކްތަކާ ގުޅިފައިހުރި ފަރާތްތައް އެބަ ތިބި، އަދި ކައިރި ގައުމުތަކަށް މިފަދަ ނެޓްވޯކްތަކާ ގުޅުން ހުރި ފަރާތްތައް ޝާމިލް ވަމުން އެބަދޭ، އެހެންވީމަ މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އެ ޓްރާންނޭޝަނަލް ކްރައިމްސްތައް ހުއްޓުވައި ނޫނީ މަދު ކުރުން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑުމެން މި މަސައްކަތުގައި ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ ޔޫއެން ފަދަ އިތުބާރު ހުރި ޖަމިއްޔާތަކާ ގުޅިގެން އަދި ކައިރީގައި މިވާ ގައުމުތަކާ ގުޅިގެން މިކަންކަން ހައްލު ކުރުމަށްޓަކައި އެފަދަ ނިޒާމެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ގާއިމް ކުރުމުގެ މަސައްކަތް،"

މިނިސްޓަރު ވިދާޅުވީ ނެޓްވޯކްތައް އެކި ގައުމުތަކުގައި ގާއިމްވެ ތިބޭއިރު މިކަމަށް އެންމެ ގައުމަކުން ފިޔަވަޅު އަޅައިގެން ހައްލު ނުލިބޭނެ ކަމަށެވެ. އެހެންވެ، ގައުމުތަކާ ގުޅިގެން ނެޓްވޯކްތައް ހުއްޓުވުމަށް ޖިނާއީ ތަހުގީގުތައް ހިންގުމުގައި އެއްބާރުލުން ދިނުމާއި އެހީތެރިވުމުގެ އެއްބަސްވުންތަކެއް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް ފުރިހަމަވެގެންދާއިރު އެތެރޭގެ މި ހިނގާ ބޮޑެތި ކްރިމިނަލް ނެޓްވޯކްސްތަކާއި އަވަށްޓެރި ގައުމުތަކުގަ ނުވަތަ ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން މިހިނގާ ބޮޑެތި ނެޓްވޯކްސްތަކަށް ހުއްޓުވުމެއް ގެނައުމަކަށްޓަކައި ރަނގަޅު ހައްލުތަކެއް ލިބިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު އެބަޖެހޭ ޖިނާއީ ކުށްތަކުގެ ތަހުގީގުކޮށް އެކަމުގެ މަސައްކަތް ކުރިއަށްދާއިރު ކިހިނެއްތޯ އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ދޭނީ ބަލަން، ކުރިމިނަލް ނެޓްވޯކްސްތައް މި މަސައްކަތް ކުރަނީ، މިއަދު ހުރިހާ ގައުމުތަކަށް އޮތް އެއް ޗެލެންޖެއް އެއީ ޓްރާންނޭޝަނަލް ކްރައިމްސް، އެއް ގައުމެއްގައެއް ނޫން މި ކުށްތައް މި ހިނގަނީ، ކޮންމެ ކުށެއް ހާއްސަކޮށް ޑްރަގް ކަހަލަ ކުށްތަކަކީ އެއް ގައުމު އަނެއް ގައުމު ވަރަށް ބޮޑަށް ލާމެހި ހިނގާ ނެޓްވޯކްސްތައް،"

މިނިސްޓަރު ވިދާޅުވީ އދ. ގެ އިދާރާތަކާ ޅިގެން އެހެން ގައުމުތަކާއެކު މަޝްވަރާކޮށްގެން ހުރިހާ ގައުމެއްގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނެޓްވޯކްތައް ހުއްޓުވުމަށް ހައްލުތައް ހޯދާނެ ގޮތްތައް ވިސްނުން ވަރަށް މުހިންމު ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު އުއްމީދު ކުރަނީ އދ. ގެ އެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނާ ގުޅުންހުރި އަވަށްޓެރި ގައުމުތަކާއެކު މި އާދެވޭ އެއްބަސްވުންތަކާއި އޮނިގަނޑުތަކަކީ ބޮޑެތި ނެޓްވޯކްސްތައް ހުއްޓުވުމަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް،" މިނިސްތަރު ވިދާޅުވި އެވެ.

އެހެން ގައުމުތަކާ މަޝްވަރާކޮށް އެއްބަސްވުންތަކަކަށް ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު ޖިނާއީ މައްސަލަތައް ހުއްޓުވުމަށް ރާއްޖެއާއި އިންޑިއާ ދެމެދު ޓްރީޓީއެއްގައި ސޮއިކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވާއިރު އިދިކޮޅުގެ ފާޑުކިޔުން އެކަމަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. މި ޓްރީޓީގެ ދަށުން ޖިނާއީ ތަހުގީގުތަކުގައި އެއް ގައުމު އަނެއް ގައުމުގެ އެހީ އާއި އެއްބާރުލުން ބޭނުންވެއްޖެނަމަ އެކަން ފޯރުކޮށްދެން ޖެހޭނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން ދަނީ ޑްރަގް ނެޓްވޯކްތަކެވެ. ގިނަ ނެޓްވޯކްތަކެއް ހިންގަމުންދާއިރު އެ ނެޓްވޯކްތައް އޮންނަނީ ބޭރާ ވެސް ގުޅިފަ އެވެ. މިފަހުން ވެސް ބައެއް ދިވެހިން ޑްރަގްއާއެކު ލަންކާ އާއި އިންޑިއާއިން ހައްޔަރުކޮށްފައިވެ އެވެ. އަދި ރާއްޖޭގައި ވެސް ޑްރަގް ބޮޑެތި ނެޓްވޯކްތައް އަތުލައިގެންފައިވެ އެވެ.