ހަބަރު

ދީބާޖާވެސް ސަރުކާރާއެކު މަޝްވަރާކޮށް ހައްލެއް ހޯދަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމާމެދު، ސަރުކާރާއެކު މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ ދައުލަތުގެ ފަރާތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ސެޓްލްމެންޓް ކޮމެޓީއަށް ހުށަހަޅައިގެން ހައްލެއް ހޯދުމަށް ދީބާޖާއިން ހުށަހަޅާފައިވާ ކަމަށެވެ.

އެ ހުށަހެޅުން ދީބާޖާއިން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ހުށަހަޅާފައިވަނީ އެ ކުންފުނީގެ ގަރާރަކުން ފާސްކޮށްގެން ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. އެ ގަރާރުގައި ކުންފުނީގެ ބޯޑް މެންބަރުން ސޮއި ކުރައްވާފައިވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި ކޮމެޓީއަށް ހުށަހަޅައިގެން ހައްލު ހޯދުމަށް ކުރާ މަސައްކަތަށް ފުރުސަތު ދިނުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް ދީބާޖާއިން ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުންތައް މެދުކަނޑާލުމަށް އެދެން ނިންމާފައިވާ ކަމަށް ވެސް ކުންފުނީގެ ގަރާރުގައިވެ އެވެ. އެ ކުންފުނިން އެދޭ ގޮތަށް މައްސަލަ ކޮމެޓީގައި އެޖެންޑާކޮށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އެއްބަސްވުން ބާތިލްކުރީ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބެލެމަށްފަހު އެއީ ދައުލަތުން ބަދަލު ދޭން ނުޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ބޮޑު އަދަދެއްގެ ގެއްލުމުން ދައުލަތް ސަލާމަތްވި އެވެ. އެކަމަކު، އޭގައި އިޖުރާއީ ބޮޑު މައްސަލައެއް ނުކުތެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެކަމަށް ލިބޭ މުއްދަތު މާބޮޑަށް ވެސް ފަހަނައަޅާ ދިޔަ ފަހުންނެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. --- މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 އިގައެވެ. ނަމަވެސް އިސްތިއުނާފު ކުރުމަށް ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް 12، 2015 އެވެ. ސުޕްރީމް ކޯޓުން ހައިިކޯޓުގެ ހުކުމް ބާތިލްކުރި މައިގަނޑު ސަބަބަކީ އެއީ އެވެ.

އެ ހުކުމް ތަންފީޒުިކުރަން ސިވިލް ކޯޓަށް ދީބާޖާއިން ހުށަހެޅި މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ ހުކުމް ތަންފީޒުކުރުން ބާތިލްކޮށްދިނުމަށް އެދިފަ އެވެ.

ދީބާޖާ މައްސަލައަށް މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ނިންމާފައިވާއިރު، މީގެ ދުވަސްކޮޅެއް ޑަބްލިއުއެލްޓީއަށް ދައުލަތުން ދޭން ޖެހޭ ބަދަލުގައި ވެސް މަޝްވަރާކޮށްގެން ވަނީ ހައްލަކަށް އައިސްފަ އެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި ޑަބްލިއެލްޓީއަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނުމަށެވެ. އެހާ ބޮޑު ބަދަލެއް ދޭން ޖެހުމުން ސަރުކާރުން ވިލާ ކުންފުންޏާއެކު މަޝްވަރާތަކަށް ދިޔަ އެވެ.

ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާގެ ބަދަލުގައި ސަރުކާރުން ޑަބްލިއެލްޓީއަށް 130 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެ އަދަދަކީ ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ދަރަނިތަކަށް ކެނޑުމަށް ފަހު އެއްބަސްވި އަދަދު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.