ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޒަމާނީ ފެންވަރަށް ހަދާފައިވާ އާ އޭޕްރަން ހުޅުވައިފި

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގައި ހުންނަ ގޮތަށް، ޒަމާނީ ފެންވަރަށް ހަދާފައިވާ އާ އޭޕްރަން ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިން ތަރައްގީ ކުރި، ސައުތު ވެސްޓް އެޕްރަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ފުރަތަމަ މިތަނުގައި ޕާކް ކުރީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ. ބެންކޮކުން ރާއްޖެ އައި މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސްވެރިން އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އަދި ބޯޓު ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.

ދެ ފިޔަވައްސަކަށް ބަހާފައިގެން ތަރައްގީ ކުރަމުން ގެންދާ މި އޭޕްރަންގެ ފުރަތަމަ ފިޔަވަހީގައި 70،000 އަކަމީޓަރު ހުރެ އެވެ. މިތަނުގައި ދެ ސައިޒެއްގެ މަތިންދާ ބޯޓު ޕާކު ކުރެވޭނެ އެވެ. އޮޕްޝަން އެއްކެއްގައި ދެ ވައިޑް ބޮޑީ އެއާ ކްރާފްޓާއި ހަތް ނެރޯ ބޮޑީ އެއާ ކްރާފްޓް ބޭއްވޭނެ އެވެ. އަދި ދެވަނަ އޮޕްޝަންގައި ފަސް ވައިޑް ބޮޑީ އެއާކްރާފްޓާއި އެއް ނެރޯބޮޑީ އެއާކްރާފް ބޭއްވެ އެވެ.

އާ އޭޕްރަންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ ފުރަތަމަ ފިޔަވަހި ނިމުނުއިރު، އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ ދެވަނަ ފިޔަވަހި ހަތް މަސް ތެރޭ ނިންމާލެވޭނެ. އެތަނުގައި 65،000 އަކަމީޓަރު ހުންނާނެ. މި ބައިގައި ވެސް ހަތަރު ވައިޑް ބޯޑީޑް އެއާކްރާފްޓް ބޭއްވޭނެ. މީގެ އިތުރުން އަށް ނެރޯ ބޮޑީޑް އެއާކްރާފްޓް ބޭއްވޭނެ ޖާގަ އޮންނާނެ،" ހަސަން ވިދާޅުވި އެވެ.

ލޮރީ ނުގެނެސް ބޯޓަށް ތެޔޮ އެޅޭނެ

އާ އޭޕްރަން ހަދާފައިވަނީ މަތިންދާ ބޯޓަށް ފަސޭހަކަމާއެކު ތެޔޮ އަޅާލެވޭ ގޮތަށެވެ. މިހާރު ތެޔޮ ލޮރީ ބޯޓަށް ތެޔޮ އެޅިނަމަވެސް ފިއުލް ސިސްޓަމްގެ މަސައްކަތް ނިމުމުން އޭޕްރަންގައި އޮންނަ ބޯޓު ފަހަރަށް ތެޔޮ ވިއުގައެއް މެދުވެރިކޮށް ތެޔޮ އެޅޭނެ އެވެ. އެ ނިޒާމު ގާއިމް ކުރަން އެއާޕޯޓުގެ އަޑީގައި ވަނީ ތެޔޮ އޮޅި އަޅާފަ އެވެ. އަލަށް ހަދަމުން ގެންދާ ފިއުލްފާމް އިން މިތަނަށް ތެޔޮ ފޯރުކޮށްދޭނެ އެވެ.

އެމްއޭސީއެލްގެ ރޭމްޕް އޮޕަރޭޝަން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަލީ ނަސީރު ވިދާޅުވީ މިތަނުގެ ސަބަބުން އެއާލައިން ތަކަށް ވެސް ވަރަށް ބޮޑު ހިތްހަޖެހުމެއް ލިބިގެންދާނެ ކަމަށާ، މިއީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެއާޕޯޓުތަކުގެ ސްޓޭންޑަޑް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ އެއާޕޯޓުގެ ހަޔާތުގައި ވެސް ގެނެވުނު އެންމެ ބޮޑު ކުރިއެރުން. މީގެ ބެނެފިޓް ވަރަށް ބޮޑު. ކުރީގެ އޭޕްރަންގައި މިގޮތަށް މާކްތައް ކުރަހާފައެއް ނުހުންނާނެ. މިތަނުގައި މިހާރު އެބަހުރި އިކްއިޕްމަންޓާއި މީހުން ތިބެން ޖެހޭނެ ތަންތަން ވަކިން އެނގެން. މަތިންދާ ބޯޓު އޮންނާނެ ޕޮޒިޝަންތައް ވެސް އެބަހުރި،" ނަސީރު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ކުރިން ބޯޓު ޕާކު ކުރަނީ އެއާޕޯޓުގައި އެކަމަށް ހާއްސަކޮށް މުވައްޒަފުންގެ ތަޖުރިބާ ބޭނުންކޮށްގެން ކަމަށެވެ.

"މިހާރު ކެޕްޓަނަށް ވެސް އެނގޭނެ މަޑު ކުރަން ޖެހޭ ޕޮޒިޝަންތައް. މިގޮތުން ބަލާއިރު ބައިނަލްއަގުވާމީ އެއާޕޯޓްތަކުގައި އޭޕްރަން ހުންނަ ސްޓޭންޑަޑް މިއޮތީ އައިސްފައި. އަނެއްކާ މިހާރު ރައްކާތެރިކަން ވެސް ބޮޑުވާނެ. އެއާޕޯޓެއްގައި އެންމެ ނުރައްކާ މި ވަނީ އިކްއިޕްމަންޓް ގިނަވުން. މިހާރު ފިއުލް ހައިޑްރެންޓް [ތެޔޮ އަޅާ ނިޒާމު] އެޅީމަ އެކަން ކުޑަވާނެ،" ނަސީރު ވިދާޅުވި އެވެ.

އޭޕްރަންގެ ބާކީ އޮތް ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މި ފިޔަވަހި ނިމޭއިރު، އޭޕްރަންގެ ޖުމްލަ ބޮޑު މިނުގައި 130،000 އަކަމީޓަރު ހުންނާނެ އެވެ. އަދި އޭރުން އެއް ފަހަރާ 21 މަތިންދާ ބޯޓު ކުރެވޭނެ ޖާގަ އޮންނާނެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއަކީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ވަނި ރަންވޭއެއް އަޅާފައެވެ. މީގެ އިތުރުން އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމެއް އަދި ކާބޯ ޓާމިނަލެއްވެސް އަޅާނެ އެވެ. އަދި އާ ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ގާއިމް ކުރާނެ އެވެ.