އައިއޭއެސް

އައިއޭއެސްގެ ފައިދާ ދެ ގުނަ އިތުރުވެއްޖެ

ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ލިބުނު ސާފު ފައިދާ ދެގުނަ އިތުރުވެ ވެއްޖެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ސަރުކާރު ކުންފުނިތަކުގެ މާލީ ރިޕޯޓުގައިވާ ގޮތުން އައިއޭއެސްއަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ އެއް ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މި އަހަރު އެ ކުންފުންޏަށް ވަނީ އާމްދަނީގެ ގޮތުގައި 541.5 މިލިއަން ރުފިޔާ ލިބިފަ އެވެ.

އައިއޭއެސްއަށް މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 52 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ލިބުނު ސާފު ފައިދާ ވަނީ 104 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 101 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި ރިޕޯޓުގައިވާ ގޮތުން އައިއޭއެސްގެ ފައިދާ އިތުރުވި މައިގަނޑު އެއް ސަބަބަކީ ހަރަދުތައް ކުޑަ ކުރުމެވެ. އެ ކުންފުނިން ސީދާ ކުރި ހަރަދުތައް ވަނީ 34 މިލިއަން ރުފިޔާ މަދުވެފަ އެވެ. އެއީ 10 ޕަސެންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން މާކެޓިން އާއި ސޭލްސް އަށް ކުރި ހަރަދު ވެސް ވަނީ 41 ޕަސެންޓް ދަށްކޮށްފަ އެވެ. އަދި އެ ކުންފުނިން ދަރަނި ނެގި މިންވަރު ވެސް މި ކްއާޓަރުގައި މަދުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ޕީސީބީ އިން ބުނެފައިވާ ގޮތުގައި މި ކްއާޓަރުގައި މޯލްޑިވިއަންގެ ފައިދާވި ނަމަވެސް އެ ކުންފުންޏަށް ކޭޝް ފްލޯ މެނޭޖު ކުރުމުގައި މައްސަލަތަކެއް ދިމާވެފައިވެ އެވެ.