ރިޕޯޓް

މިނިވަންކަމުގެ ދަތުރުން ލިބެނީ ކޮން އިބުރަތެއް؟

Jul 26, 2015

ކުރީގެ ރައީސް އިބްރާހިމް ނާސިރަކީ "އަނިޔާވެރި"، "ހިޔާނާތްތެރި"އެއް ކަމަށް ބުނާ މީހުން އަދިވެސް އުޅެ އެވެ. މި އަދަކީ އިނގިރޭސީންގެ ހިމާޔަތުން ނިކުމެވި، ރާއްޖޭގެ މިނިވަން ކަމަށް ބައިގަރުނު ފުރުމުގެ ރަންޔޫބީލް ފާހަގަ ކުރާ މުނާސަބާ އެވެ. މި ހާއްސަ ނިއުމަތް ދިވެހިންނަށް ލިބުނީ ގައުމުގެ މަސްލަހަތަށްޓަކައި ނާސިރު ހިންގެވި ދިގު، ހިންގެވުމެއްްގެ ސަބަބުން ކަމަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. އަދި ބޭރުގެ ނުފޫޒުތަކަށް ފުރުސަތު ނުދެއްވައި ގައުމުގެ މަސްލަހަތަށްޓަކައި ރަނގަޅު ވަގުތުގައި އެމަނިކުފާނު މީހެއްގެ މޫނާއި ކަނދުރާއަށް ބެލުމެއް ނެތި އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުންނެވެ.

އެމަނިކުގެ ނިންމެވުންތަކުގެ ތެރެއިިން ކުޑަކުޑަ އެއް މިސާލެވެ:

މިނިވަންކަން ހޯދަން ދިވެހިން ނުކުތް މައިގަނޑު ސަބަބަކީ މައި ސަރުކާރުން ވަކިވެ، އައްޑޫ އަކީ ވަކި ދައުލަތަކަށް ވުމަށް ހިންގުނު ހަރަކާތްތަކެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ވަޑައިގަންނަވާ ތަފާތު ފެންވަރުގެ ބޭބޭފުޅުންނަށް ނާސިރުގެ ފައިންޕުޅުދެކެން ބައްދަލު ކުރައްވަ އެވެ. ބައެއް ފަހަރު ބައްދަލު ނުކުރައްވާނެ ކަމަށް ދިމާއަށް ވިދާޅުވެ އެވެ. އެ ދުވަސްވަރު ކޮމަންވެލްތުގެ ވަޒީރު ޑަންކަން ސޭންޑިސް ވަޑައިގެން އެޕޮއިންޓްމެންޓަކަށް އެދި ވަޑައިގަތުމުން ދެއްވި ވަގުތަށްވުރެ ގަޑި ލަސް ކުރައްވައި ނާސިރު ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި އޭރު ޑްރާފްޓް ކުރަމުންދިޔަ ލިޔުން ބައްލަވައި މިތަންކޮޅު ބަދަލުކޮށްލައްވާށޭ ދަންނަވައިފި އެވެ. ވަގުތުން ނާސިރު ވިދާޅުވީ "ތިޔައީ ބަދަލު ނުކުރެވޭ ގޮތަށް ލިޔުނު އިބާރާތެއް" ކަމަށެވެ. ނަމަވެސް ސޭންޑިސް ނާސިރަށް ދެ ލޯފުޅު އަޅުއްވައި ބިރު ދައްކަވަން އުޅުއްވި އެވެ. ނަމަވެސް ނާސިރު އިސްޖެއްސެވި ގޮތަށް އިސްނުނަންގަވައި ތިންގަޑިއިރު އިންނެވުމުން ޑްރާފްޓް އެގްރީމެންޓްގައި ސޮއި ކުރައްވާފައި ސޭންޑިސް ވަޑައިގަތީ އެވެ. އޭނާއަކަށް ނާސިރަކާ ނުކުޅެވުނެވެ.

ރަނގަޅެވެ. ނާސިރަކީ ބަސްފުޅު މަދު އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގެން، މާ ރަށްޓެހިކޮށް އުޅުއްވި ބޭފުޅެއް ނޫނެވެ. އެކަމަކު ގައުމީ، ވަތަނީ ލޯބީގައި މުޅި ދުނިޔެއާ ދެކޮޅަށް ކަހަލަ ގޮތަކަށް ރާއްޖޭގެ މިނިވަން ކަމުގެ ދިފާއުގައި ތެދުވެ ވަޑައިގެންނެވި އެވެ. އިނގިރޭސިން ގަމުގައި ހިންގެވި ކުޅިގަނޑާ ސީދާ ދެކޮޅަށް ބަސްފުޅު ވިދާޅުވެ، އިނގިރޭސިން ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތަށް ތާއީދު ހޯއްދެވުމަށް ބައިނަލްއަގުވާމީ ކެމްޕޭނެއް ނާސިރު ފެއްޓެވި އެވެ. އިނގިރޭސިންނާ ދެކޮޅަށް ބޮޑެތި މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކެއް ރޭއްވެވި އެވެ. އެ ހުރިހާ ކަމަކާ ހުރެ، ރާއްޖެއަށް އަސްކަރީ ބިރުވެސް އޭރުގެ އިނގިރޭސިން ދެއްކި އެވެ. އެކަމަކު ނަާސިރު އޭރު ވެސް ވިދާޅުވީ، އިނގިރޭސިންނާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާލާނީ، ހިމާޔަތުގެ ލަފްޒް މިފަހަރު އުނިކޮށްލާފައި ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ބާރާދެކޮޅަށް ނާސިރު ހަރުކަށިކަން ނުދެއްކެވި ނަމަ، މި މިނިވަންކަމުގެ ފޮނި މީރުކަމެއް ނުލިބޭނެ އެވެ. ނާސިރުގެ އެ ޖިހާދުން އަހަރުމެންނަށް ގެނެސްދެނީ ކޮން އިބުރަތްތަކެއް ހެއްޔެވެ؟

ނާސިރުގެ އެ ދަތުރު އެންމެ ކައިރިން ފެނިވަޑައިގެންނެވި، އޭރު ކޮޅުބުގައި ހުންނެވި އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވި ގޮތުގައި ނާސިރު އެ މަސައްކަތްޕުޅު ފައްޓަވަން ޖެހުނީ އިނގިރޭސީންގެ ނުފޫޒު ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް މާ ބޮޑަށް ފޯރަމުން ގޮސް، އެކަމަށް ދެން ރައީސް ނާސިރަށް ކެތްނުކުރެވިގެން ކަމަށެވެ. ގައުމުގެ ހިންގުމާއި ދާހިލީ މައްސަލަތައް ހައްލު ކުރުމުގެ ތެރެއަށް މާ ބޮޑަށް ބޭރުގެ ފަރާތަކުން ވަނުމަކީ ދުނިޔެ ދައްކާ ތަޖުރިބާގައި ވެސް ގައުމުތަކުން ބޮޑެތި އަގު ދައްކަން ޖެހިފައި ހުރި ކަންކަމެވެ. މިސާލަކަށް ސީރިއާޔާއި މިސްރު ފަދަ ގައުމުތަކުގެ އިސްލާހީ ހަރަކާތްތައް ބޮއްސުންލައިގެން ގޮސް ދާހިލީ ހަނގުރާމަތަކަށް ބަދަލުވީ ބޭރުގެ ނުފޫޒުތައް ނުވަންނަން ޖެހޭ މިންވަރަށް އެ ހަރަކާތްތަކުގެ ތެރެއަށް ވަދެގެން ދިޔުމުންނެވެ. އޭގެ ސަބަބުން ގައުމިއްޔަތުގެ ފޭރާމަށް ވުރެ ވަކި މަގުސަދުތަކެއް ހާސިލް ކުރުމުގެ ނުބައި ވިހަ ފެތުރިގެން ދިޔައީ އެވެ. އޭގެ ނަތީޖާއަކަށް ވީ އެ ގައުމުތަކަކީ ހަނގުރާމައިގެ މައިދާންތަކަށް ބަދަލުވެ، އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރެވެން ފެށުމެވެ.

ހަގީގަތުގައި މިނިވަންކަން ހޯދުމަށް ނާސިރު ހިންގެވި ދިގު މަގުގެ ހަގީގީ ފޮނި މޭވާ އަކީ ބޭރުގެ ނުފޫޒުތަކުން ވަށާލައި ފިއްތާލާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުމުން ސަލާމަތް ކުރުމެވެ. އެކަމުން އިބުރަތް ލިބިގަނެ، ނުބައްދަލު ވަރަށް ބޭރުގެ ނުފޫޒުތައް ކައިރި ނުވެވޭ ވަރަށް މި ވަނީ ދުރުކުރަން ޖެހިފަ އެވެ. އެހެން ނޫން ނަމަ، މިނިވަން ގައުމެއްގެ ފޮނި މީރުކަމެއް ނުލިބޭނެ އެވެ.