ހަބަރު

އަނެއްކާވެސް މީހަކަށް އަނިޔާކުރި ވީޑިއޯއެއް

Jul 18, 2019
4

ދުވަސްތަކަށްފަހު އަނެއްކާވެސް މީހަކަށް ވަރަށް ބޮޑަށް އަނިޔާކުރާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

އެ މީހާއަށް އަނިޔާކޮށް ބިންމައްޗަށް ވައްޓާލާފައިވާ ވީޑިއޯގައި އިން ސްޓޭމްޕުން ފެންނަ ގޮތުގައި އެކަން ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އއ. ތޮއްޑޫގަ އެވެ. "މިއީ ތޮއްޑޫއޭ.... ކަލޭ ދަމާލާނަން!" ބިންމައްޗަށް ވެއްޓިފައި އޮތް މީހާއާ ދިމާލަށް އެތަނުގައި ހުރި މީހަކު ބުނާ އަޑު އެ ވީޑިއޯގައި އިވެ އެވެ. އޭރު ވެލިން ތަތްތެޅިފައިވާ އެމީހާ ރޯ އަޑުވެސް އިވެ އެވެ.

ފޭސްބުކްގެ ހަމަ އެ ޕޭޖަށް ލާފައިވާ އިތުރު ވީޑިއޯއެއްގައި ވެސް މީހަކަށް އަނިޔާކޮށް މޫނުމަތި ފަޅާލާފައިވާ ތަން ފެނެ އެވެ. ނަމަވެސް ފުރަތަމަ ވީޑިއޯގައި އަނިޔާ ކޮށްފައިވާ މީހާގެ މޫނު ނުފެންނާތީ އެއީ އެކަކު ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ. ފުރަތަމަ ވީޑިއޯގައި ބިން މައްޗަށް ވައްޓާލައިފާ އޮތް މީހާ ހުދު ޓީޝާޓެއް ލައިގެން ހުރި ނަމަވެސް، ދެވަނަ ވީޑިއޯގައި އަނިޔާކޮށްފައިވާ މީހާ ހުރީ ހުސްގަޔާ އެވެ. އެކަމަކު އެއީ އެރަށުގެ ބަނދަރު ސަރަހައްދުގައި ހިނގިކަމެއް ކަމަށް ވީޑިއޯ އިން އެނގެ އެވެ.

"މިރަށުން ތި ކުރީ އަދި ކުޑަވަރު،" ނިތްކުރިމަތިން ލޭ ފައިބަމުން ދިޔަ މީހާއާ ދިމާލަށް އެތަނުގައި ހުރި މީހަކު ބުނެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް އަދި ހުށަހަޅާފައިވާނުވާ ކަމަށާއި، ނަމަވެސް، އެއީ ކޮން އިރަކު ކޮން ގޮތަކަށް ހިނގާފައިވާ ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.

ތޮއްޑޫ ކައުންސިލްގެ އިސް ބޭފުޅަކު އަވަސް އަށް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާކަމެއް ކައުންސިލަށް އެނގިފައި ނުވާ ކަމަށާއި، ނަމަވެސް އެ ވީޑިއޯ ފެނުމާއެކު އެކަން ބަލަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ވައްކަން ކުރަން އުޅުނު ބަޔަކު ހިފަހައްޓާ އާންމުންވަނީ އަނިޔާކޮށްފަ އެވެ. އެގޮތުން، މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށްނެގި މީހެއްގެ ބުރަކަށީގައި "ވަގު" ލިޔެގެން ވަނީ ގަން ހިންގައިފަ އެވެ. އެކަމާ ގުޅިގެން ފުލުހުން ވެސް އެގޮތަށް އަމަލު ނުކުރުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.