ހަބަރު

ވެހިކަލްތަކުން ޗައިނާ އެއިޑް ނިޝާން ފޮހެނުލަން: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި ވެހިކަލްތަކުގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ފޮހެލުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.

ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި ވެހިކަލްތަކުގައި ރަތް ކުލައިން ޗައިނާ އެއިޑްގެ ނިޝާން ޖަހާފައި ހުރެ އެވެ. އެއިން ވެހިކަލެއްގައި ޖަހާފައިވާ ޗައިނާ އެއިޑްގެ ނިޝާން ފޮހެމުންދާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ދައުރުވަމުންދާ ފޮޓޯއާ ގުޅިގެން ފުލުހުން މިއަދު ބުނީ ދައުރުވަމުންދާ ފޮޓޯއަކީ ވެހިކަލްގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ވެހިކަލްގެ އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އެ ގޮތުން އެ ވެހިކަލްގެ އެހެން ތަނަކަށް ނިޝާން މިހާރު ބަދަލުކޮށްފައިވާ ކަމަށާއި އެ ތަނުން ފޮހެލީ ފުލުހުންގެ ނަމާ ދިމާއަށް ނިޝާން އޮތުމުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެއްވެސް ވެހިކަލްއަކުން ޗައިނާ އެއިޑް ނިޝާން ފޮހެނުލާނެ ކަމަށެވެ. އަދި ޗައިނާއިން ދީފައިވާ ހުރިހާ ވެހިކަލެއްގައި އެ ނިޝާން އަބަދުވެސް އޮންނާނެ ކަމަށް ފުލުހުން ބުންޏެވެ.