މި އަހަރުގެ ހައްޖަށް ފުރަން އެއާޕޯޓަށް ދިއުމަށް ހުޅުމާލެ އާއި ވިލިމާލޭން ދާ މީހުނާއި އެ މީހުންގެ އާއިލާތައް އެއާޕޯޓަށް ގެންދިޔުމުގެ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފި އެވެ.
މި އިންތިޒާމްތައް ހަމަޖެއްސީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެންނެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެ އިން ފުރާ މީހުނާއި އާއިލާތައް އެއާޕޯޓަށް ދާ ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އެވެ. އަދި ވިލިމާލެ އިން ފުރާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ފެރީތަކުގައި ވެސް ހިލޭ ދަތުރު ކުރެވޭނެ އެވެ.
ވިލިމާލެ އިން އެއާޕޯޓަށް ދާ ފަރާތްތައް، ވިލިމާލޭ ފެރީ ޓާމިނަލުން އެމްޕީއެލް ބަސް ޓާމިނަލަށް ގެންދިއުމުގެ ހިދުމަތް ދޭނީ އެމްއެންޑީއެފް އިންނެވެ.
ހައްޖަށް ފުރާ ފަރާތްތަކަށް ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަށް ނިންމާފައިވާއިރު، ހައްޖަށްދާން ހުޅުމާލެއިން އެއާޕޯޓަށް ދާ ފަރާތްތަކުން ހުޅުމާލޭ ޓާމިނަލަށް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރުކުރިން ދާން ވަނީ އެދިފަ އެވެ. އަދި ހައްޖަށްދާ ވިލިމާލެއިން އެއާޕޯޓަށްދާ ފަރާތްތައް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރާ 15 މިނެޓް ކުރިން ދާން ޖެހެ އެވެ.
ރާއްޖެއިން ހައްޖަށް ފުރާ މީހުން އާދީއްތަ ދުވަހުން ފެށިގެން އޯގަސްޓު ފަހެއްގެ ނިޔަލަށް ފުރާނެ އެވެ. އާދީއްތަ ދުވަހު ފުރަން ހަމަޖެހިފައިވަނީ ޒައީ ގްރޫޕްގެ 84 ހައްޖުވެރިންނެވެ.