ހަބަރު

މޫސުން ގޯސްވުމުން ލަންކާ ބޯޓުތައް ކުޅުދުއްފުށީ ބަނދަރަށް

މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ވަނުމަށް ހުއްދަ ދިން ލަންކާގެ މަސް ބޯޓުތައް ހދ. ކުޅުދުއްފުށީ ބަނދަރަށް ގެންގޮސްފި އެވެ.

އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހުނު ސްރީލަންކާގެ ހަތް މަސް ބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިވާން ފެށީ އިއްޔެ އެވެ. އެމްއެންޑީއެފް އިން މިއަދު ބުނީ، ސިފައިންގެ ބެލުމުގެ ދަށުން އެ ބޯޓުތައް ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ބޯޓްތައް ކުޅުދުއްފުއްޓަށް ގެންދިޔައީ ކަނޑުގަދަ ވުމުން ފުރޭ ގޮތް ނުވުމުން ކަމަށެވެ. މޫސުން ރަނގަޅުވުމުން އެ ބޯޓުތައް ފުރުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ. ފުރެންދެން އެ ބޯޓުތަކުގެ މީހުން ތިބޭނީ ބޯޓުތަކުގައި ކަމަށާއި ކުޅުދުއްފުއްޓަށް ނާރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މޫސުން ރަނގަޅުވީ އެންމެ އަވަހަކަށް ފުރާނެ. މިރޭވެސް މޫސުން ރަނގަޅު ނަމަ ފުރާނެ،" އާޒިމް ވިދާޅުވި އެވެ.

ލަންކާގެ ހަތް މަސް ބޯޓެއް ކުޅުދުއްފުށީ ބަނދަރުގައި އޮންނާނީ އެމްއެންޑީއެފް އަދި ކަސްޓަމްސްގެ ބެލުމުގެ ދަށުގަ އެވެ.