ރިޕޯޓް

މިިނިވަންކަމަށް 50 އަހަރު، ދަތުރު ފަށަންވީ އިގްތިސާދީ މިނިވަންކަން ހަރުދަނާ ކުރަން

ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނުކުމެ ހަށިފޮޅާލެވުނު ފަހުން، 50 އަހަރުވީ އިރު، އެ މިނިވަންކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ދަތުރު ވަރަށް ދިގެވެ. ކުރަން ޖެހޭ މަސައްކަތް އަދި މާ ބުރަ އެވެ. ސިޔާސީ މިނިވަންކަމެއް ލިބިފައި އޮތަސް، އިގްތިސާދީ މިނިވަންކަމުގެ ބައި މި އޮތީ އަދި ސުމެއްގަ އެވެ. މިނިވަން ކަމުގެ 50 ގެ ރަން ކުލަތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ދާއިރު، އިގްތިސާދީ ގޮތުން ރާއްޖެ އޮތީ ކޮން ހާލަތެއްގައި ހެއްޔެވެ؟ އެ މިނިވަންކަން އޮތީ ދިވެހިންނަށް ކިހާ ވަރަކަށް ހެއްޔެވެ؟

ރާއްޖެއަކީ ނިސްބަތުން ކުޑަ، ވަސީލަތްތައް މަދު ގައުމެކެވެ. މުއްސަދި ސިނާއަތެއްގެ މައްޗަށް ގައުމުގެ އިގްތިސާދު ބިނާވިޔަސް އިގްތިސާދީ ދުވެލީގައި ރާއްޖެ އޮންނަނީ އަބަދުހެންމެ ފަހަތުފަޔަށް ބުރަވެ، ބޭރު ފަރާތްތަކުގެ ކައިރިއަށް ނާށިގަނޑު ހިފައިގެން ދާން ޖެހިފަ އެވެ. ބަޖެޓްގެ ބޮޑު އިންސައްތައެއް ބެހިގެން ދަނީ ދަރަނީގެ ގޮތުގައި ނެގޭ ފައިސާ އާއި ބޭރުގެ ހިލޭ އެހީއަށެވެ. ބަޖެޓްގައި އެވްރެޖްކޮށް 560.4 މިލިއަން ރުފިޔާއަކީ ބޭރުގެ ހިލޭ އެހީ ކަމަށްވާއިރު މަޝްރޫއުތައް ހިންގުމަށް ބޭރުގެ އެކި ފަރާތްތަކުން ނަގާ ލޯނުތަކުގެ އަދަދު މި ހުންނަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގަ އެވެ.

ލޯނު ނެގުމަކީ ވެސް މައްސަލައެއް ނޫނެވެ. ބޭރުގެ ދީލަތި އެހީއެއްގެ ބޭނުން ކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ އިގްތިސާދު ހިފަހައްޓައިދޭ ބަޔަަކަށް ވާ ހިސާބުން ދެން އެ އުފެދެނީ މައްސަލަ އެވެ. ރާއްޖެ ބޭރަށް ދަރައިގެން ގޮސް ޖީޑީޕީގެ 80 ޕަސެންޓަށް ދަރަނި އަރައިގެން ދިޔައިމާ ކުރިމަތިވާނެ މައްސަލަތަކާއި ފިއްތުން ބޮޑުވާނެ އެވެ.

މިހާ ދެރަވަރުކޮށް ކަންތައްތައް ދިޔުމުން އިގްތިސާދީ ގޮތުން ކުރިމަތިވާ ފިއްތުންތައް ވަރަށް ބޮޑެވެ. މިސާލަކަށް ޖީއެމްއާރުގެ މައްސަލައިގައި އިންޑިއާޔާ އެކު ޖެހުނު މައްސަލަ ގަނޑުގައި އިންޑިއާ އިން ރާއްޖެ ހަމަ ގާތްގަނޑަކަށް ފިއްތާލި އެވެ. އިންޑިއާ އިން ލިބެން އޮތް 25 މިލިއަން ޑޮލަރުގެ ލޯނު ހަމަ ގަސްތުގައި ނުދީ ހިފަހައްޓާލުުމުން މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ވެސް ރިކަރަންޓް ހަރަދުތައް ފޫބައްދަން އޭރު އުނދަގޫވި އެވެ. އެ މައްސަލަ ކުރިމަތިވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ގޮތުގައި އެކަން ކުރިމަތިވަނީ "ރާއްޖެއަށް އިގްތިސާދީ ގޮތުން ފިއްތުންތަކެއް" ކުރިމަތިކުރުވުމުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ ފަގީރުކަމާއި ނާޒުކުކަން އެނގޭ އިރުވެސް އަވައްޓެރި ގައުމުތަކުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ލޯނު ދޫކުރަނީ ނުފޫޒުތަކެއްގެ ތެރޭގައި އިގްތިސާދު ބޭއްވުމަށް ކަމަށް ބުނެވޭނެ ޖާގަ މިކަހަލަ ކަންކަމުން ވަރަށް ބޮޑަށް ހާމަވެ އެވެ. އެހެން ނޫން ނަމަ އިންޑިއާއިން އޭރު ރާއްޖޭގެ ނޭވާ ހާސްކޮށްލަން ޖެހޭ ސަބަބެއް ނެތެވެ. ވަގުތީ ފައިދާއަށް ޓަކައި އަވައްޓެރި ގައުމުތަކުގެ ދީލަތި އަތުގައި ރާއްޖެ ހިފާއިރު އެ ގައުމުތަކުން ރާއްޖޭގެ އިގްތިސާދުގެ މައްޗަށް ނުފޫޒު ގަދަކުރުމުގެ ވިސްނުން ބޮޑެވެ. މީގެ މާނައަކީ ބޭރުގެ ގައުމުތަކާ އެކު ރާއްޖެއިން ވިޔަފާރީގެ މުއާމަލާތްތައް ކުރަން ނުޖެހޭނެ ވާހަކައެއް ނޫނެވެ. އަދި އިންޓަނޭޝަނަލް ޓްރޭޑަކީ ބޭރުގެ ނުފޫޒު ކަމުގައި ސިފަކުރުމެއް ވެސް ނޫނެވެ. ރާއްޖޭގެ ހާލަތުގައި އެކަން އެގޮތަށް ސިފައެއް ނުކުރެވޭނެ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ގޮތުގައި ރާއްޖެއަަކީ ކުޑަގައުމެއް ކަމަށް ވިސްނައި ރާއްޖޭން އަދާކުރަން ޖެހިފައި އޮތް ދަރަނިތައް އަދާ ނުކުރެވޭނެ ކަމަށް ހީކޮށް ބައެއް ފަރާތްތަކުން ރާއްޖެއަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުންދެ އެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ މިނިވަންކަން މުހިންމުވެފައިވާ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

ރާއްޖެއަކީ ކަނޑުގެ މުއްސަނދިކަން ބޮޑު ގައުމެކެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތީ ކަނޑުދަތުރުފަތުރުގެ މައިމަގެއްގަ އެވެ. ކުރީ ޒަމާނުގައި ރާއްޖޭގައި ހިލާ ބޮއްޔާއި ހިކި މަހަކީ އޭރުގެ ވިޔަފާރީގެ އެންމެ އަގު ބޮޑެތި މުދަލެވެ. ނަމަވެސް ޒަމާން ބަދަލުވެ ބޮއްޔާއި ހިކިމަހުގެ އަގެއް ނެތަސް ދަތުރުވެރިން ދަތުރުކުރާ މަގަކަށް ބަދަލެއް ނާދެ އެވެ. ނަމަވެސް ރާއްޖެއަށް އެކަމުގެ އިގްތިސާދީ ފައިދާ ހާސިލެއް ނުކުރެވެ އެވެ. ބޭރުގެ ބޮޑެތި އާގުބޯޓު ފަހަރަށް ހިދުމަތްދޭން، ޓްރާންޝިޕްމަންޓް ބަދަރެއް ހަދާ ވާހަކަ ނުދައްކާ ދުވަސްވަރެއް ނެތެވެ. އެ ހުވަފެނުގައި ދިވެހިން ތިއްބާ ސިންގަޕޫރު ކުރިއަރައިގެން ދިޔައީ ޓްރާންޝިޕްމަންޓް ވިޔަރާރީގެ ފައިދާ ހޯދައިގެންނެވެ. ރާއްޖެއަށް އެކަން ނުވާންވީ ކީއްވެ ހެއްޔެވެ؟

ޓްރޭޑް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އިންޑިއާ އަދި ސްރީ ލަންކާ ފަދަ ގައުމުތަކުން ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް އެޅުމަކީ ރުހޭ ކަމެއް ނޫނެވެ. އެކަން ނުވެފައި އޮތީ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން، މި ވަނީ އެ ޒާތުގެ އައިހެވަން މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މީގެ 40 އަހަރު ފަހަތަށް ދާއިރު ރާއްޖެ އިގްތިސާދީ ގޮތުން ވަރަށް ކާމިޔާބު ދުވަސްތަކެއް ދެކެފައިވެ އެވެ. ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު ޖެހިލުންވުމެއް ނެތި ޝިޕިން އިންޑަސްޓްރީ ފުޅާކޮށް ބައެއް ފަރާތްތަކުން ނޫނެކޭ ބުނެ ބުނެ އޮއްވާ ޓޫރިޒަމް ވެސް ފުޅާ ކުރި އެވެ. ހަގީގަތުގައި ރާއްޖޭގެ އިގްތިސާދަކީ ފުޅާ ކުރެވޭނެކަން މިކަމުން އެބަ ދައްކަދެ އެވެ.

ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި ގޮތުގައި އިގްތިސާދީ ނުފޫޒުތަކުން ސަލާމަތް ވެވޭނީ އިގްތިސާދީ ބިންގާ ފުޅާކޮށްގެންނެވެ. އިގްތިސާދީ ގިނަ ސެކްޓަރުތަކެއް އިތުރުކޮށް ގެންނެވެ. އިގްތިސާދީ ބިންގާ ފުޅާކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރި ދިރާސާތަކުން ވެސް މިހާތަނަށް ހާމަވެފައިވާ ގޮތުގައި ރާއްޖޭގައި ފުޅާކުރެވެން އޮތީ ޝިޕިން ވިޔަފާރި އެވެ. ޓްރާންސްޝިޕްމަންޓެއް ބަދަރެއް ހެދުމާއި އަދި ޕެޓްރޯލިއަމް އާއި ކެމިކަލް އިންޑަސްޓްރީ ފުޅާ ކުރެވިދާނެ ކަމަށް ދިރާސާތަކުން ހުރީ ދައްކާފަ އެވެ. މިފަހަކަށް އައިސް ޓޫރިޒަމަށް ވެސް އަންނަނީ ނުފޫޒުތައް ފޯރަމުންނެވެ.

އެ ލަނޑުދަޑި ހާސިލް ކުރެވެން އޮތީ އިގްތިސާދީ ބިންގާ ފުޅާ ކުރެވިގެންނެވެ. އިންވެސްޓްމަންޓްތައް އިތުރުކޮށް ހަމައެކަނި ޓޫރިޒަމާއި، މަސްވެރިކަމުގައި އޮންނަ އޮތުން ދޫކޮށްލައިގެންނެވެ. އޭގެ ބަދަލުގައި ރާއްޖޭގެ މުއްސަދިކަމުގެ ހަގީގީ ފައިދާ ލިބިދެވޭނެ ސިޔާސަތުތަކަކާ ދިމާލަށް ދަތުރުކޮށްގެންނެވެ. އެއީ ހަމައެކަނި ގައުމިއްޔަތެއްގެ ވިސްނުމުގައި ތިބެެގެން ވެސް ހާސިލް ވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހި އިގްތިސާދު ބޭރު ދުނިޔެއަށް ހުޅުވާލުމުގެ މުހިންމުކަން މި ވަނީ ބޮޑުވެފަ އެވެ.