ފުލުހުންގެ މަސްއޫލިއްޔަތާ ޒިންމާ އަދާ ކުރަން ކުރިމަތިލާއިރު ގާނޫނާއި ހަމަތަކުގެ ތެރެއިން ކުރިމަތިލާން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.
ފުލުހުންގެ "މެމޯރިއަލް ޑޭ" ފާހަގަ ކުރަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އަބަދުވެސް ގޮންޖެހުންތަކާ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ފުލުހުންގެ މަސްއޫލިއްޔަތަކީ އެންމެންގެ ލޯތްބާއި ރުހުން އަދި އެންމެންގެ އެހީތެރިކަން ލިބޭނެ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ޒިންމާ އާއި މަސްއޫލިއްޔަތުގައި ބައެއް ފަހަރު ކުރިމަތިލާން ޖެހެނީ ގާނޫނާއި ގަވާއިދުން ބޭރުގައި ތިބޭ ފަރާތްތަކާ ކަމަށާއި އެ ފަރާތްތަކުގެ ކިބައިން ފުލުހުންނަށް އަބަދުވެސް ދަތިތަކާއި ފުރައްސާރަ އާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ ކަންކަމާ ފުލުހުން ކުރިމަތިލާން ވާނީ ގާނޫނާއި އަހުލާގިއްޔާތުގެ ހަމަތަކުގެ ތެރޭގައި ކަމަށެވެ.
"މިފަދަ ފަރާތްތަކާ ކުރިމަަތިލާ ހިނދު ގާނޫނާއި އަހުލާގިއްޔާތުގެ ހަމައިގެ ތެރޭގައި ތިބެ އަޅުގަނޑުމެންނަށް ކުރިމަަތިވާ ކޮންމެ ކަމަކީ އެންމެންގެ ހައްގުގައި ކުރިމަތިވާ ކަމެއް ކަމުގައިި ފާހަގަ ކުރަންޖެހޭ. އަދި އަޅުގަނޑުމެންގެ އަމަލުތައް އެގޮތުގައި ރީތިކޮށް ސާފުކޮށް ބަލަހައްޓަން ޖެހޭ. އޭރުން އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ގެއްލުމެއްގައި އެންމެން ބައިވެރިވާނެ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވީ މިއަދު ފާހަގަ ކުރާ މެމޯރިއަލް ޑޭގައި ފުލުހުންގެ އާއިލާތަކަށް ލިބުނު ގެއްލުންތަކަކީ އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. އަދި ފުލުހުންގެ އާއިލާގެ ކޮންމެ މެމްބަރަކަށް ދިމާވާ ކޮންމެ ކަމަކީ ހުރިހާ އެންމެނަށް ދިމާވާ ކަމެއް ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ބޭއްވި މެމޯރިއަލް ޑޭގައި ވަނީ ފުލުހުންގެ ޑިއުޓީ އަދާ ކުރަމުން ދަނިކޮށް އަދި ޑިއުޓީގައި ހުއްޓާ ޝަހީދުވި ފަސް ފަރާތެއްގެ ޒިކުރާ އާ ކުރި އެވެ. އަދި، "ޑިޖިޓަލް މެމޯރިއަލް" ގެ ނަމުގައި ފުލުހުންގެ ވެބްސައިޓެއް ލޯންޗްކުރި އެވެ.