ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އާއި ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ތިން ފަނޑިޔާރެއްގެ ޝަކުވާ ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ފަނޑިޔާރު ހަސަން އާއި އިސްގާޒީ އަބްދުﷲ އާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަ ބެލުމަށް ނިންމައި، ވަކި ދެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ފަނޑިޔާރު ހަސަންގެ މައްސަލަ ބެލުމަށް އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން އިބްރާހިމް ރިފްއަތު ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އިސް ގާޒީ އަބްދުﷲ ގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގައި ތިއްބަވަނީ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަން މެމްބަރު ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި އިބްރާހިމް ރިފްއަތު ކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެ އިތުރުން ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފާ ގުޅޭ މައްސަލަ ވެސް ބަލަން ނިންމައި، ކޮމެޓީއެއް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމެޓީގައި ތިއްބަވަނީ މަސްތޫރުގެ އިތުރުން ފަނޑިޔާރު ރައޫފާއި މެމްބަރު އީސާފުޅެވެ.