ހަބަރު

ފީއަލީގައި އީދު ފާހަގަކުރުމުގައި އުފެދުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގައި ފ. ފީއަލީގައި އުފެދުނު މައްސަލަތަކެއް ހައްލު ކުރަން އުޅުނު ފުލުހުންތަކެއްގެ ވާޖިބަށް ހުރަސް އަޅައި އިންޒާރު ދިން މައްސަލައެއްގައި އެ ރަށުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފ. ފީއަލީގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުވެ އަދި ރަށުގެ މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރުމުން އެކަން ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައަކާ ގުޅިގެން މިއަދު ކޯޓުގެ އަމުރެއްގެ ދަށުން ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި އުމުރުން 40 އަހަރުގެ ފިރިހިނެކާއި އުމުރުން 46 އަހަރުގެ ފިރިހެނަކާއި އުމުރުން 43 އަހަރުގެ ފިރެހެނެއް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކުރި ހަތަރު ފިރިހެނުންނަކީ އެ ރަށުގައި މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގައި އެފެދުނު މައްސަލައަކާ ގުޅިގެން ހައްލު ކުރަން އުޅުނު ފުލުހުންނަށް ހުރަސް އެޅި ހަތަރު ފިރިހެނެކެވެ.

ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވި ގޮތުގައި ރަށުގެ ބަނދަރު ސަރަހައްދުގައި މި އަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަން ކައުންސިލުން ނިންމާފައި ވަނިކޮށް، އަމިއްލަ ފަރާތަކުން ވަނީ އީދު ފާހަގަކުރަން ކަމަށް ބުނެ ކައުންސިލްގެ ހުއްދައެއް ނެތި ރަށުގެ ބަނދަރު ސަރަހައްދުގައި ބައެއް ތަކެތި ބަހައްޓާފަ އެވެ.

އެ ތަކެތި ނެގުމަށް މުއްދަތެއް ދިން ނަމަވެސް އެ ކަމަށް އެ ފަރާތްތަކުން އެއްބާރުލުން ނުދިނުމުން ކައުންސިލްގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޖަލީލް ވިދާޅުވި ގޮތުގައި ބަނދަރު ސަރަހައްދު ހޯދަން އެ ފަރާތްތަކުން އެދުމުން ބަނދަރު ސަރަހައްދު ނޫން އެހެން ތަނެއް ހޯދަން ކައުންސިލުން ވަނީ އަންގާފަ އެވެ.