ދަނޑުވެރިކަން

އެމްޔޫ މަނިކުގެ އެހީގައި ދަނޑުވެރިކަމަށް ތަމްރީންވާން ފުރައިފި

މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ފައުންޑޭޝަންގެ އެހީގައި ދަނޑުވެރިކަމުގެ މައުލޫމާތު ދޭނެ ފީލްޑް އޮފިސަރުން ތަމްރީނު ކުރަން އިންޑިއާއަށް ފުރައިފި އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގެ މައުލޫމާތު ވީހާ ވެސް ކައިރިން ދަނޑުވެރިންނަށް ފޯރުކޮށްދޭނެ މަގު ފަހިކުރަން ފަންނީ މީހުން ބިނާ ކުރުމުގެ ގޮތުން މި މަހުގެ 29 ގައި އިންޑިޔާގެ ޓަމިލްނާޑޫ އެގްރިކަލްޗަރު ޔުނިވާސިޓީގައި ފަށާ ކޯހުގެ ބައިވެރިން ފުރާފައިވާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމަށް ފަންޑު ކޮށްދެނީ އެމްޔޫ މަނިކު ފައުންޑޭޝަނުންނެވެ. އިންޑިއާއަށް ފުރި ބައިވެރިން އެ ގައުމުގައި ހަ މަސް ދުވަހުގެ ތަމްރީނުތައް ހަދާނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވަނީ މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން ހއ. ކެލާ އާއި ހދ. ނެއްލައިދޫ އާއި ރ. ވާދޫ އާއި ގއ. މާމެންދޫ އަދި ފުވައްމުލަކުން ހަ މީހުންނެވެ. ޕްރޮގްރާމްގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޔުނިވާސިޓީއަށް ކުރަންޖެހޭ ހުރިހާ ހަރަދެއްވެސް ކުރަނީ މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނުންނެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ފުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދު ބަައިވެރިވެވަޑައި ގަތެވެ. އަދި މި ބައިވެރިންނާއި މުޚާތަބު ކުރައްވައި މިނިސްޓަރު ވިދާޅުވީ ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައިސް ދަނޑުވެރިކަން ތަަރައްގީ ކުރަން އެހީވެ ދޭން އެދި ވަޑައިގަންނަވާ ކަމަށެވެ.