ހަބަރު

ޒުވާނުންނަށް ދޭ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ސަރުކާރުގެ ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ "ވިޔަފާވެރި ޒުވާނާ" އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށްގެން ދޫކުރާ ލޯނަށް ކުރިމަތިލުމަށް އެދޭ ފޯމު މާދަމާއިން ފެށިގެން ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މިއަދު ބުނެފި އެވެ.

 މި ޕްރޮގްރާމްގެ ދަށުން 300000ރ އާއި 800000ރ. އާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެ އެވެ. "ޒުވާން ވިޔަފާރިވެރިޔާ" ޕްރޮގުރާމް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ޒުވާނުންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނެވެ.

ޔޫތު މިނިސްޓްރީން ވަނީ ޖެނުއަރީ މަހުގެ ދެވަނަ ހަފުތާއިން ފެށިގެން މިނިސްޓްރީގެ ޓީމުތައް ޕްރޮގްރާމާ ބެހޭ މައުލޫމާތު ދިނުމަށް އަތޮޅު ތެރޭގައި ހަރަކާތްތެރިވުމަށް ވެސް ނިންމައިފަ އެވެ.

"މިގޮތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި "ރޯޑް ޝޯ" އެއްގެ ގޮތުގައި، މިނިސްޓްރީގެ ޓީމުތަކުން އަތޮޅު ތެރޭގެ ޒުވާނުންނަށް މި ޕްރޮގްރާމުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ލޯނަށް ކުރިމަތިލުމަށް ޕްރޮޕޯޒަލް ތައްޔާރުކުރުމުގެ ހުރިހާ މަޢުލޫމާތެއް ފޯރުކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ." ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނަން ފަށާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ފޯމުތައް ބަލައިގަންނާނެ އެވެ.

"މި މުއްދަތުގެ ތެރޭގައި ޕްރޮގްރާމަށް ހޮވޭ ފަރާތްތައް ވެގެންދާނީ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް، ކަޑައެޅިފައިވާ މިޕްރޮގުރާމުގެ ފުރަތަމަ ބެޗަށް" ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ޕްރޮގުރާމުގެ ދެވަނަ ބެޗަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ފަހުގަ އެވެ.