ވިޔަފާރި

ޖަޕާނުގެ ނަރީޓާއިން ރާއްޖެއަށް ސްރީލަންކަން ދަތުރުތައް ފަށައިފި

ސްރީލަންކަން އެއާލައިންސް އިން ޖަޕާނުގެ ނަރީޓާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ އިން އުދުހޭ އެއް އެއާލައިން ކަމަށްވާ ސްރީލަންކަން އެއާލައިންސް އިން ބުނީ ނަރީޓާ އިން ރާއްޖެ އަށް ފަށާފައިވަނީ ޑައިރެކްޓް ފްލައިޓްތަކެއް ކަމަށެވެ. މި އެއާލައިން އިން ނަރީޓާއިން ހަފުތާއަކު ހަތަރު ފްލައިޓު ރާއްޖެއަށް ބާއްވާނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓް އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވީ ޖަޕާނުން ރާއްޖެ އަށް ޑައިރެކްޓް ފްލައިޓެއް ބާއްވަން ފެށުމަކީ ޓޫރިޒަމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

"ޖަޕާނަކީ އަބަދު ވެސް ރާއްޖެ އަށް ރަނގަޅު މާކެޓެއް. އެންމެ ގިނައިން މީހުން އަންނަ ފަސް ގައުމު ތެރޭގައި އަބަދު ވެސް އޮވޭ. އެކަމަކު މިހާތަނަށް މައްސަލައަކީ ކަނެކްޓިވިޓީ. އެ މީހުން [ޖަޕާނު] ވަރަށް އެންޖޯއީކުރޭ ޑައިރެކްޓް ފްލައިޓަށް. އެހެންވެ މިއީ އިންޑަސްޓްރީ އަށް ވެސް ރަނގަޅު ބަދަލަކަށް ވެގެންދާނެ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަން އިން މިދިޔަ އަހަރު ރާއްޖެއަށް 2,288 ފްލައިޓް ބާއްވާފައިވެ އެވެ. އަދި މި ފްލައިޓް ތަކުން 281,810 މީހުން ރާއްޖެ ގެނެސްދީ އަދި 239,526 މީހަކު ރާއްޖެ އިން ބޭރަށް ގެންގޮސް ދީފައިވެ އެވެ.

ޖަޕާނުން މިދިޔަ އަހަރު 42,304 މީހުން ރާއްޖެ އައިސްފައިވެ އެވެ. އަދި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 22,624 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 19,187 މީހުންނާ އަޅާބަލާނަމަ 17.9 ޕަސެންޓުގެ އިތުރުވުމެކެވެ. ނަރީޓާއަކީ ޖަޕާނުގެ ކުޑަ ސިޓީއެކެވެ. މި ސިޓީގެ އާބާދީއަކީ 131,190 އެވެ.

ނަރީޓާއަކީ ޖަޕާނުގެ ވެރިރަށް ޓޯކިއޯ ކައިރީގައި އޮންނަ ސިޓީ އެކެވެ. މި ސިޓީގެ އާބާދީއަކީ 131,190 އެވެ.