ޕީޕީއެމާއި ކޮންގްރެސް ޕާޓީއަކީ އަބަދުވެސް އިންސާފަށް ވަކާލާތުކޮށް އެއްވެސް ބަޔަކަށް ތަފާތު ކުރުމެއް ނުގެންގުޅެގެން ވަކާލާތު ކުރާ ފިކުރެއް ކަމަށް އެ ދެ ޕާޓީން މިއަދު ބުނެފި އެވެ.
އެ ދެ ޕާޓީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ޕީޕީއެމުން ކުރިން ވެރިކަމުގައި އޮތް އިރު ވެސް އަދި މިހާރު އިދިކޮޅުގައި އޮންނަ އިރު ވެސް އިންސާފަށް ވަކާލާތު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޕީޕީއެމާއި ކޮންގްރެސް ޕާޓީން ގަބޫލު ކުރާ އެންމެ މުހިއްމު އަސާސު ކަމަށެވެ.
މުންދު ވިދާޅުވީ ޕީޕީއެމް ވެރިކަމުގައި އޮތް އިރު އޭރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ނިކަމެތި އާންމު ރައްޔިތަކާއި ސިޔާސީ އިސް ބޮޑު ބޭފުޅަކާ ތަފާތު ކުރުމެއް ގެންގުޅެވިގެން ނުވާނެ ކަމަށާއި އަދުލު އިންސާފުގެ ކުރިމަތީގައި ހުރިހާ ފަރާތެއް ހަމަހަމަވާން ޖެހޭނެ ކަމަށެވެ. މިއަދު އެ ފަރާތްތައް ވެރިކަަމަށް އައިސް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ޝަރީއަތެއްގައި އެންމެ ފަނޑިޔާރަކު މައްސަލަ ބައްލަވާ ގޮތަށް އޮވެގެން ނުވާނެ ކަމަށެވެ.
"އެމްޑީޕީގެ އަދުލު އިންސާފުގެ ޑެފިނިޝަނަކީ އެ މީހުންގެ ތެރޭ ތިބޭ ބަޔެއްގެ ލިސްޓެއް ހަދާފަ، އެ ލިސްޓުގައި ތިއްބެވި ބޭފުޅުންނަކީ ގާނޫނަށްވުރެ މަތީ ބަޔެކޭ. އެ މީހުންގެ މައްޗަށް ގާނޫނެއް ނުހިނގާނޭ. އަޅުގަނޑުމެން މާނަކުރާ ގޮތަކީ އަދުލު އިންސާފުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާނެ ކަމަށް،" މުންދު ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މިހާރު މިިއޮތް އިދިކޮޅ ފިކުރަކީ އަބަދުވެސް އަދުލު އިންސާފަށް އިހުތިރާމު ކުރާ ފިކުރެއް ކަމަށެވެ.
"އަޅުގަނޑުމެންނާ އެމްޑީޕީއާ ތަފާތަކީ އަޅުގަނޑުމެން ފަނޑިޔާރުންނަށް ބިރު ދައްކާކަށް އަޅުގަނޑުމެނެއް ނޫޅެން. އަޅުގަނޑުމެންނަށް އިވުނީ ޖުޑިޝަލް ރިފޯމް ކުރަން ގެނައި ބޭރު މީހަކު ސުޕްރީމް ކޯޓަށް ގޮސް އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކި ކަމަށް އެ ކޯޓުން ބުނި ވާހަކަ."