ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުލުހުންގެ އިދާރާގެ ވަޒީފާގައި ހުރި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ބަދުއަހުލާގީ އަމަލު ހިންގި ކަމުގައި ތުހުމަތުގައި މިއަދު މީހަކު ހައްޔަރު ކުރި ކަމަށާއި ހައްޔަރު ކުރި ފަރާތަކީ ފުލުހުންގެ އިދާރާގެ ވަޒީފާގައި ހުރި މީހެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކޯޓުން 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.
ކުޑަކުދިންގެ މައްސަލައަކަށްވާތީވެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖެންޑާ މިނިސްޓްރީއާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްއާ ގުޅިގެންނެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ދާދި ފަހުން ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، ދެ ބޭބެއިން ވެގެން ނުވަ އަހަރުގެ އަންހެން ކޮއްކޮއަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެއް ވެސް ފުލުހުން ބަލަން ފަށާފައިވެ އެވެ.