ރިޕޯޓް

ރައީސް ގައުމާ މުހާތަބު ކުރެއްވި ދަރުބާރުގައި ގައުމީ ދިދައެއް ނެތް!

Jul 28, 2015
3

ރާއްޖޭގެ އެންމެ ޝަރަފުވެރި، އެންމެ ހައިބަތު ބޮޑު ގައުމީ ރަސްމިއްޔާތުތަކަީ މިނިވަން ދުވަހު ބާއްވާ ރިޔާސީ ދަރުބާރުގެ ޖަލްސާ އާއި ޖުމްހޫރީ ދުވަހުގެ ޖަލްސާއެވެ. ދެން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިސްވެރިން ބައިވެރިވާ އެ ހަފްލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ގައުމަށް ވަރަށް މުހިންމު މެސެޖްތަކެއް ދެއްވަ އެވެ. އެހެން ނަމަވެސް މިފަހަރުގެ ރިޔާސީ ދަރުބާރު އެތައް ގޮތަކުން ތަފާތެވެ.

މީގެ ކުރިން ޖުމްހޫރީ މައިދާން ފަދަ ތަންތަނުގައި އާއި ރަސްމީ ދަރުބާރުގޭގައި މިނިވަން ދުވަހުގެ ޖަލްސާ ބޭއްވި ނަމަވސް މި ފަހަރުގެ ޖަލްސާ ރިޔާސީ ދަރުބާރެއްގެ ގޮތުގައި ބޭއްވީ އުސްފަސްގަނޑުގައި ތައްޔާރު ކުރި ހާއްސަ ފޭލިގެއެއްގަ އެވެ. ފެންނަ ފެނުމަށް ވަރަށް ފުރިހަމަ ރަސްމިއްޔާތެކެވެ. މީގެ ކުރިން ރައީސްއަކު ނުދެއްވާ ވަރުގެ ބާރުގަދަ މެސެޖްތަކެއް ރައީސް އަބްދުﷲ ޔާމީން ގައުމަށް ދޫކޮށްލެއްވި އެވެ. އެގޮތުން އެ ދަރުބާރު ކިތަންމެހާ ވެސް ފުރިހަމަ އެވެ. އެކަމަކު އެ ޖަލްސާއިން ވަރަށް ބޮޑު ފަޅުކަމެއް ފާހަގަވި ހެއްޔެވެ؟

ރައީސް އެހާ ބާރުގަދަ ތަގުރީރެއް ދެއްވާ ގައުމާ މުހާތަބު ކުރެއްވި އިރު، ރާއްޖޭގެ ގައުމީ ދިދަ އާއި ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ތަރި ހިމެނޭ "ރިޔާސީ ދިދަ" އެއިން ހިސާބަކުން ވެސް ފެންނާކަށް ނެތެވެ. މަގުމަތީގައި ގައުމީ ދިދައެއް ނެތް ވާހަކައެއް ނޫނެވެ. ގައުމިއްޔަތުގެ ރަސްމީ ހަފްލާއެއްގައި ރައީސުލް ޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާ ތަގުރީރު ދެއްވާއިރު، ގައުމީ ދިދަ ރައީސުލް ޖުމްހޫރިއްޔާގެ ފުރަގަހުން ވެސް އަދި ހުންނެވި ސްޓޭޖުން ވެސް ނުފެނުން އެއީ ފަޅު ކަމަކަށްވުރެ ބޮޑަށް މައްސަލައެއްގެ ގޮތުގައި އެ ހަފްލާއަށް ވަޑައިގެންނެވި ބައެއް އިއްޒަތްތެރިން ފާހަގަ ކުރެއްވި އެވެ.

އިއްޒަތްތެރިއަކު ވިދާޅުވި ގޮތުގައި އެހާ ބޮޑު ގައުމީ ހަފްލާއެއްގައި ގައުމިއްޔަތުގެ ރަމްޒް، ގައުމީ ދިދަ ނުފެނުމަކީ ގައުމިއްޔަތަށް ކުރާ އިހުތިރާމް ކުޑަކޮށްލުން ކަހަލަ ކަމެކެވެ. އަދި ބޭރުގެ އިއްޒަތްތެރިން ތިއްބަވާ އެހާ ހައިބަތު ބޮޑު ޖަލްސާއެއްގައި ގައުމީ ދިދަ ނެތުމަކީ ނިކަމެތި، ދެރަކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"ގައުމީ މިހާ ބޮޑު އިހުތިފާލެއްގައި އަދި ހާއްސަކޮށް ރައީސް ގައުމިއްޔަތުގެ ގިނަ ވާހަކަފުޅުތަކެއް ދެއްކެވި އިރު، ސްޓޭޖްގައި ވެސް ގައުމީ ދިދަ ނެތުމަކީ މިކަހަލަ ގައުމީ ހަފްލާއަކަށް ލިބޭނެ އުނިކަމެއް،" ހަފްލާއަށް ދައުވަތު އެރުވިގެން ވަޑައިގެން ބޭފުޅަކު ފާހަގަ ކުރެއްވި އެވެ.

 

ރައީސް ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖައްސައިގެން، ރައީސް އޮފީހުން އިންތިޒާމް ކުރާ ހަފްލާތަކުގައި ގައުމީ ދިދަ އާއި ރިޔާސީ ދިދަ ރައީސްގެ ފުރަގަހުން ފެނެ އެވެ. އަދި ރައީސް ވާހަކަފުޅު ދައްކަވަނީ ވެސް ދައުލަތުގެ ނިޝާން ޖެހި ހާއްސަ ޕޯޑިއަމް ގަ އެވެ. އެއީ ޕްރޮޓޮކޯލްއެއްގެ ގޮތުގައި އޮންނަ ގޮތް ކަމަށް ވެދާނެ އެވެ.

ނަމަވެސް އެކަމުގައި ރައީސް އޮފީހުގެ ކޮމެންޓެއް ނެތެވެ. ހަމަ ގައިމު ވެސް ޖުލައި 26 ގެ ހަރަކާތްތައް ފެށުމަށް، ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދެއްކެވި އިރު، ގައުމީ ދިދަ އާއި ރިޔާސީ ދިދަ ރައީސްގެ ފުރަގަހުގައި ހުއްޓެވެ. އަދި ވާހަކަފުޅު ދެއްކެވީ ދައުލަތުގެ ނިޝާން ޖެހި ރަސްމީ ޕޯޑިއަމްގަ އެވެ.

ރޔާސީ ދަރުބާރުގައި ރައީސް ވާހަކަފުޅު ދައްކަވަން ހުންނެވި ޕޯޑިއަމް އަށް ވެސް ފާޑު ކިޔާފަރާތްތަކެއް އެބަ ތިއްބެވެ. ބައެއް ފަރާތްތަކުން ބުނަނީ، ބިއްލޫރީ ހަދާފައި ހުރި ޕޯޑިއަމްގައި ދައުލަތުގެ ނިޝާން ހުއްޓަސް، އެއީ އެކަހަލަ ހައިބަތު ބޮޑު ރަސްމީ ޖަލްސާއަކަށް ދެރަވަރުގެ ކެޝުއަލް ޕޯޑިއަމްއެއް ކަމަށެވެ. އޭގެ ބަދަލުގައި ރައީސްގެ ވާހަކަފުޅު ދައްކަވަން ހުންނަން ޖެހޭނީ އެއަށް ވުރެ ހައިބަތު ބޮޑު ޕޯޑިއަމްއެއްގައި ކަމަށް ބުނާ ފަރާތްތައް ވެސް އެބަ ތިއްބެވެ.

އެވާހަކަ ބާއްވާފައި، ގައުމީ ދިދަ ނުފެނުމަކީ އެފަދަ ހައިބަތު ބޮޑު ރަސްމިއްޔާތަކަށް ލިބުނު ހަގީގީ އުނިކަމެކެވެ. އެވަރުގެ ބޮޑު ހަފްލާއަކުން ގައުމީ ކުލަތައް ގެއްލުނީ އެވެ. މިއީ ކުޑަ މައްސަލައެއް ނޫނެވެ. މިއީ ދެރަވަރުގެ ކަމެކެވެ. ގައުމީ ހަފްލާއަކުން ގައުމީ ކުލަތައް ފަޑުވުމަކީ ގައުމިއްޔަތަށް ކުރާ އިހުތިރާމާ މެދު ސުވާލު އުފައްދަންވީ ކަމެކެވެ.