ގައުމީ ޔުނިވާސިޓީ

އިންޖިނިއަރިން ސިމްޕޯސިއަމް ފަށައިފި

އިންޖިނިއަރިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އިންޖިނިއަރިން ކިޔަވާ ކުދިންނަށް ހާއްސަ ކޮށްގެން ސިމްޕޯސިއަމެއް މާލޭގައި ފަށައިފި އެވެ.

އެމްއެންޔޫގައި މިއަދު ހަވީރާ ހަމައަށް ކުރިއަށްދާ މި ސިމްޕޯސިއަމަކީ މިދިޔަ ޖޫންމަހު ތެރޭގައި ގައުމީ ޔުނިވާސިޓީ އާއި ސްރީލަންކާގެ ސްޓްރަކްޗަރަލް އިންޖިނިއަރިން ކޮންސަލްޓަންޓް (ސީއެސްސީ) އާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ބާއްވާ ފުރަތަމަ ސިމްޕޯސިއަމެވެ.

ސިމްޕޯސިއަމް ފައްޓަވައި ދެއްވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އައިޝަތު ޝާހީން ވިދާޅުވީ އިންޖިނިއަރިން ދާއިރާގެ ދިރާސާތަކާބެހޭ ސިމްޕޯސިއަމެއް ރާއްޖޭގައި ބޭއްވުމަކީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ކުރިމަގުގައި އެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ މީހުނަށް މި ސިމްޕޯސިއަމްގެ އެހީ ލިބޭނެ ކަމަށެވެ.

"އަޅުގަނޑުުމެން ސްރީލަންކާގެ ސީއެސްސީ އާ ދެމެދު އެއްބަސްވީ ހަމަ އެކަނި ސިމްޕޯސިއަމް ބާއްވާކަށް ނޫން. ސްޓޫޑަންޓް އެކްސްޗޭންޖްކޮށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދީ އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ވާނީ ވާހަކަ ދައްކާފައި. އަދި އިންޖިނިއަރިން ދާއިރާއިން ގްރެޖުއޭޓްވާ ދަރިވަރުންނަކީ މިހާރަށްވުރެ އިންޑަސްޓްރީއަށް ލޯ ހުޅުވި ގާބިލް ބަޔަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ،" ވައިސް ޗާންސެލާ ވިދާޅުވި އެވެ.

މި ސިމްޕޯސިއަމްގައި، އޮސްޓްރޭލިއާގެ މެލްބަން ޔުނިވާސިޓީގެ ޕްރޮފެސަރުންނާއި ސްރީލަންކާގެ ޔުނިވާސިޓީ އޮފް ޕެރެޑެނިއާގައި އިންޖިނިއަރިން ކިޔަވައިދެއްވާ ޕްރޮފެސަރުން ބައިވެރިވެ ވަޑައިގެން އެބޭފުޅުންގެ ތަޖުރިބާ އާއި ދާއިރާއަށް ހުރި ގޮންޖެހުންތައް ހިއްސާ ކުރައްވާނެ އެެވެ.