ހަބަރު

ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރުމުން މުއިއްޒުގެ ސުވާލުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތަރައްގީކޮށް "ރަސްރަނި ބަގީޗާ" ގެ ނަން ދިން ކުރީގެ ގަނޑުވަރު ސަރަހައްދަށް އަނެއް އަނެއްކާވެސް "ސަލްޓަން ޕާކް" ކިޔައި އަލުން ބޯޑު ޖެހުމުން މަސައްކަތް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލު ކުރަން މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ.

އެ ޕާކުގެ ނަން ސަލްޓަން ޕާކަށް ބަދަަލު ކުރުމުގެ މަސައްކަތް ކުރާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމު ވުމުން، މުއިއްޒު ކުރެއްވި ޓްވީޓެއްގައި ދިވެހި ބަހާ ތަނުގެ ތާރީހު ބޮޑަށް އާލާ ކުރެވޭނީ ދިވެހި ނޫން ނަމަކުން ތޯ އައްސަވާފައި ވެއެވެ. އަދި މިހާރު މި ފެންނަނީ ކަމެއް ނުކޮށް ތިބެ ބަހާއި ތާރީހު އޮޅުވާލާތަން ކަމަށް އޭނާގެ ޓްވީޓުގައި ވެއެވެ.

"މިތަނުން ކޮން ތާރީހެއް އާލާ ކުރަންތޯ ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރަނީ؟ ނަމާ އެއްކޮށް އެ ނަން ކުރިން ކީ އިރު އެ ތަން ވެސް ކުރިން އޮތް ގޮތަށް ބަދަލު ކުރަންވީ ނޫންތޯ؟ ދިވެހި ބަހާއި ތަނުގެ ތާރީހު ބޮޑަށް އާލާ ކުރެވެނީ ދިވެހި ނޫން ނަމަކުންތޯ؟" ޓްވީޓު ކުރައްވާ މުއިއްޒު ވަނީ ސަރުކާރަށް ސުވާލުތަކެއް އަމާޒުކޮށްފަ އެވެ.

މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ބެލީ ވީހާވެސް ދިވެހިވަންތަ ތާރީހު އާލާވާ ނަންނަން ކިޔުމަށް ކަމަށެވެ. އެގޮތުން، ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ތަރައްގީ ކުރެއްވި ޕާކުތަކުގެ ނަންތައް ވެސް އޭނާ ވަނީ ޓްވީޓުގައި ހިމަނާފަ އެވެ.

"އަޅުގަނޑުމެން ހެދި ނަންތައް. މިސާލު؛ ރައިވެރިބޭ މައިޒާން، ހިއްތަން މައިޒާން، ރެހެންދި މައިޒާން، އިސްކަންދަރު މައިޒާން، މުއިވެޔޮދޮށު މައިޒާން، ރަސްފަންނު. މިހާރު މި ފެންނަނީ ކަމެއް ނުކޮށް ތިބެ ބަހާއި ތާރީހު އޮޅުވާލާތަން" މުއިއްޒު ކުރެއްވި ޓްވީިޓުގައި ވެ އެވެ.

ރަސްރަނި ބަގީޗާގެ ނަން އަލުން ބަދަލު ކުރުމުން ބައެއް އާންމު އެހެން ފަރާތްތަކުން ވެސް އެކަމަށް ފާޑު ކިޔާފައިވެ އެވެ.

ގާތްގަނޑަކަށް 50 އަހަރު ވަންދެން "ސަލްޓަން ޕާކު" ގެ ނަމުގައި އޮތް ޕާކުގެ ނަން "ރަސްރަނި ބަގީޗާ" އަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ. ޔާމީންގެ ސަރުކާރުން ވަނީ އެ ޕާކުގެ ނަން ބަދަލުކޮށް، ޕާކަށް ޒަމާނީ ބަދަލުތަކެއްވެސް ގެނެސްފަ އެވެ.