ހަބަރު

އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ހައްޔަރު ކުރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި، އެމްޓީޑީގެ ލީޑަރު، ކުރީގެ ނައިބު ރައީސް އަދީބު އިންޑިއާއަށް ގޮސްފައިވަނީ ޓަގު ބޯޓެއްގައި އެ ބޯޓުގެ ކުރޫއަކަށް ވެގެނެވެ. އެ ބޯޓުގެ ތެރެއިން އަދީބު ހައްޔަރުކުރީ އިންޑިއާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އަދީބު ފިލައިގެން ކަނޑު މަގުން ރާއްޖެއިން ބޭރަށް ދަނިކޮށް އިންޑިއާގެ ފުލުހުން ހިފަހައްޓާފައި މިވަނީ، އިއްޔެ މެންދުރުފަހު ތަހުގީގަށް ފުލުހަށް ހާޒިރުވާން އަންގާފައި ވަނިކޮށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށެވެ.

ފުލުހުން ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައިމިވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އޭނާގެ ހަބަރެއް ނުވަނީ އިއްޔެ މެންދުރުފަހުން ފެށިގެން ކަމަށް އެނގިފައިވެ އެވެ.

އަދީބު ދަތުރުކުރިކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު މި ވަގުތު އޮތީ ޓުޓިކޮރިން ބަނދަރުގައި ކަމަށް ދައްކަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ ބޯޓު އޮތް ކަމަށް ދައްކަނީ ހުޅާމާލެ ކައިރީގަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.