ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު އެތެރެވާން އުޅުނީ ބިދޭސީން ވަނުން މަނާ ބަނދަރަކަށް: އިންޑިއާ

މިއަދު އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ހައްޔަރު ކުރި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެ ގައުމަށް އެތެރެވާން މަސައްކަތް ކުރި ބަނދަރަކީ ބިދޭސީން ވަނުމުގެ ހުއްދަ ނެތް ބަނދަރެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރާއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރި ގޮތުގައި އަދީބު ހުންނެވީ އިންޑިއާގެ ސޫތުކުޅީގެ ބަނދަރުގައި ހިފަހައްޓާފައި ކަމަށެވެ. އެ ސަރަހައްދަކީ ބިދޭސީން ވަނުން ހުއްދަ ސަރަހައްދެއް ނޫން ކަމަށް ރަވީޝް ވިދާޅުވެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ރަވީޝް ވިދާޅުވީ އިންޑިއާއަށް އެތެރެވުމުގެ އެއްވެސް ހުއްދައެއް އަދީބަށް ދީފައި ނުވާނެ ކަމަށާއި އޭނާގެ އަތުގައި ސައްހަ އެއްވެސް ލިޔެކިއުމެއް ވެސް ނެތްކަމަށެވެ. އެހެންކަމުން މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހުނީ ކަމަށް ރަވީޝް ވިދާޅުވި އެވެ.

އެމްޓީޑީގެ ލީޑަރު، ކުރީގެ ނައިބު ރައީސް އަދީބު އިންޑިއާއަށް ގޮސްފައިވަނީ ޓަގު ބޯޓެއްގައި އެ ބޯޓުގެ ކުރޫއަކަށް ވެގެނެވެ. އެ ބޯޓުގެ ތެރެއިން އަދީބު ހައްޔަރުކުރީ އިންޑިއާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

އަދީބު ދަތުރުކުރި ކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު ރާއްޖޭގައި މަޑުކުރީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ އެވެ. އެ ބޯޓު މިދިޔަ ހޮނިހިރު ދުވަހު ހުޅާމާލެ ބޭރުގައި އޮތް ކަމަށް ދައްކަ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުގައި، ބޯޓުގެ ފަޅުވެރިންގެ ތެރޭގައި އިތުރު މީހަކު ހުރުމުން ބޯޓުގައި އިންޑިއާގެ ފަޅުވެރިޔަކު އެކަން ބޯޓުގެ އެޖެންޓަށް އެންގީ އެވެ. އެޖެންޓް އެ މައުލޫމާތު ވަގުތުން އިންޑިއާގެ ކަސްޓަމްސް އަދި ކޯސްޓްގާޑަށް އެންގި އެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު އިންޑިއާއަށް ގޮސްފައިމިވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް ވެސް އަދީބު އިންޑިއާއަށް ވަޑައިގެންނެވި އެވެ. އަނބިކަނބަލުންނާއެކު އަދީބު އޭރު އިންޑިއާއަށް ވަޑައިގެންނެވީ މުޅިން މިނިވަން ނުވަނީހެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.