އިންޑިއާއަށް ފިލަންގޮސް ހުންނަވަނިކޮށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަނބުރާ ފޮނުވާލުމަށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެކަމާބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް މިވަގުތަށް ހާމަކުރަންނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އަދީބު ރާއްޖެއިން ފިލައިގެން އިންޑިއާއަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހެވެ. އިންޑިއާ ފުލުހުން ވަނީ ޓަގު ބޯޓެއްގައި ހުއްޓާ އޭނާ ހިފަހައްޓާފަ އެވެ.
ފުލުހުން ބުނީ، އަދީބު މައްސަލަައާ ގުޅޭ ގޮތުން ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތެއް ހާމަ ކުރަން ބޭނުންވާނަމަ ފުލުހުން އިސްވެ އެފަދަ މައުލޫމާތެއް ހާމަ ކުރާނެ ކަމަށެވެ.
އިންޑިއާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އެ ޓަގް ބޯޓުގައި އަދީބު ވަނީ އޭނާ ބަލާ އިންޑިއާއަށް ދިޔަ ދިވެހި ފުލުހުންގެ ޓީމުގެ ބެލުމުގެ ދަށުން އަނބުރާ ރާއްޖެ ޑީޕޯޓު ކޮށްލައިފަ އެވެ. އަދި އޭނާ ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ޓަގު ބޯޓްގައި އިންޑިއާއިން އިންޓަނޭޝަނަލް ކަނޑުގެ ސަރަހައްދަށް ގެންދިއުމަށްފަހު ރާއްޖޭގެ ފުލުހުންނާއި ހަވާލުކޮށްފައި ކަަމަށެވެ.
އޭނާ ޑިޕޯޓްކޮށްލާފައިވަނީ، ރާއްޖެ އަނބުރާ ފޮނުވާލައިފިނަމަ ނުހައްގު އަދަބު ދޭނެކަމަށް ތުހުމަތުކޮށް، ދިވެހި ފުލުހުންނާ ހަވާލު ނުކުރުމަށް އަދީބުގެ ފަރާތުން އިންޑިއާ ސަރުކާރަށް އިލްތިމާސްކޮށްފައިވަނިކޮށެވެ.
އަދީބު ވަނީ އޭނާ ތަމްސީލް ކުރާ "ގަރްނިކާ 37" ލޯ ފާމް މެދުވެރިކޮށް އދ.ގެ ކަމާބެހޭ އޮފީސްތަކުގައި އިންޑިއާ ސަރުކާރުގެ ހިމާޔަތަށް އެދިފަ އެވެ.
ފުލުހުން ބުނީ މީގެ ކުރިން ނެރެފައިވާ ބަޔާނުގައި ވަނީ، އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.
ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.