ހަބަރު

އަދީބު އަދިވެސް ނުގެނެވޭ: ފުލުހުން

Aug 4, 2019
4

ޓަގު ބޯޓެއްގައި ރާއްޖެއިން ފިއްލަވައިގެން އިންޑިޔާއަށް އެތެރެވާން އުޅުމުގެ ތެރޭގައި އަތުލައިގަތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދިވެސް ރާއްޖެ ނުގެނެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ އަދީބު ރާއްޖެ ގެނެސް މިހާރު ދޫނިދޫގައި ބަންދުކޮށްފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އަދީބު އަދިވެސް މާލެ ގެނެސްފައި ނުވާ ކަމަށާއި އޭނާ ގެނެވުނުހާ އަވަހަކަށް އެކަން އަނގާނެ ކަމަށެވެ.

އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އަދީބު އިންޑިއާއަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއީ މިނިވަން ދުވަހުގެ ޗުއްޓީ ހޭދަކުރުމަށް ފުލުހުންނަށް އެންގުމަށްފަހު ރިސޯޓަކަށް ދަތުރުކުރުމަށްފަހު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންނަށް އަދީބު ރާއްޖެއިން ފުރިކަން އެނގުނީ އާދިއްތަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުން ދިޔައީ އިންޑިއާ އަދި ލަންކާއާ ގުޅިގެން އަދީބު ހޯދުމަށް މަސައްކަތް ކުރަމުން ކަމަށްވެ އެވެ.

އަދީބު ދަތުރުކުރި ޓަގު ބޯޓަކީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ ރާއްޖޭގައި މަޑުކުރި ބޯޓެކެވެ. އެ ބޯޓުގައި އިންޑިއާގެ އެއް ފަޅުވެރިޔަކާއި އިންޑޮނޭޝިއާގެ އަށް ފަޅުވެރިޔަކު ތިއްބެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާ އަރުވާލީ އިންޑިއާގެ ފަޅުވެރިއެއް ކަމަށްވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު އަދި ފުލުހުންގެ އިދާރާގެ ފަރާތުން ވެސް މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ސުވާލުތަކަށް ޖަވާބު ވެސް ދީފައެއް ނުވެ އެވެ. ފުލުހުން ބުނީ އަދީބު ފިލި މައްސަލާގައި ހާމަ ކުރަން ޖެހޭ ކަމެއް އޮތް ނަމަ އިސްވެ ހާމަ ކުރާނެ ކަމަށެވެ.