ހަބަރު

މާލޭގައި މީހަކު ރަހީނު ކުރި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނު ކޮށްގެން ގެންގުޅު ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެމީހާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި، ދެ މީހަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެހެން ނަަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެެ.

މީހުން ރަހީނު ކުރުމަކީ ފަހަކަށް އައިސް ރާއްޖޭގައި ވެސް އާންމުވަމުން އަންނަ ކަމެކެވެ. އެގޮތުން ދާދި ފަހުން ވަނީ ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރުކޮށްފަ އެވެ.