ހަބަރު

ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފްތާގައި 460 ސްޓިކާ ޖެހި

މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް ޕާކް ކޮށްގެން މިދިޔަ ހަފުތާގައި 460 އުޅަނދުގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ކޮންމެ ހަފުތާއަކު އާންމުކުރާ މާލޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާގެ ތެރޭގައި މާލޭގައި 49 އެކްސިޑެންޓު ހިނގާފަވާއިރު 11 ފަރާތަކަށް އަނިޔާވެފައިވެ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 134 އުޅަނދެއް ބަލާ ފާސްކުރި އިރު ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވައިގެން 42 އުޅަނދެއް ހިފަހައްޓާފައިވެ އެވެ. އަދި ލައިސަންސް ނެތި ދުއްވި 63 މީހެއް ހިފެހެއްޓި އިރު ހަރީ ފީ ނުދައްކާ އުޅަނދު ދުއްވައިގެން 20 މީހުން ހިފަހައްޓާފަވެ އެވެ.

މީގެ އިތުރުން، ފުލުހުން ވަނީ މިދިއަ ހަފްތާގައި 70 ވެހިކަލް އެއް ޓޯ ކޮށްފަ އެވެ. ރޯޑް ވޯދިނަސް އަދި އިންޝުއަރެންސް ނަހައްދާ 32 މީހަކު ދުއްވި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ގަވާއިދާ ހިލާފަށް ޕާކް ކުރާ އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބުދަ ދުވަހު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅާފައި އެވެ.