ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އަދީބުގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކުރި އަދީބުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ.
ރާއްޖޭން ފިލައިގެން ގޮސް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ވަނީ އަދީބު ހިފަހައްޓާފަ އެވެ. އިންޑިއާގެ ހިމާޔަތަށް އަދީބު އެދިވަޑައިގަތް ނަމަވެސް އިންޑިއާއިން ވަނީ އަދީބު ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ރޭ ވަނީ ރާއްޖެ ގެނެސްފަ އެވެ.
ރާއްޖެ ގެނެސް އޭނާ ބަންދުގައި ބެހެއްޓުމަށް ރޭ އަދީބު ކްރިމިނަލް ކޯޓަށް ގެންދިޔަ ނަމަވެސް އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ފުލުހުން ވެސް އެއްބަސްވުމުން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.
ނަމަވެސް، ފުލުހުން ވަނީ މިއަދު ހެނދުނު އަލުން އަދީބު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފަ އެވެ.
ރޭ އަދީބު ބަންދުން ދޫކޮށްލަން އަމުރުކުރީ އޭނާ ހައްޔަރުކުރުމުގައި ފުލުހުން ގާނޫނާ ހިލާފުވެފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކޮށްފައިވާއިރު އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ބައިނަލްއަގްވާމީ ގާނޫނެއް ކަމަށްވާ ފްލެޓް ސްޓޭޓް ގާނޫނަށް އަމަލުކޮށްފައި ނެތުމުންނެވެ.
އެ ގާނޫނުގައިވާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަކުން ގައުމަކަށް މީހަކު ހައްޔަރު ކުރެވޭނީ އެމީހަކު ހުރި އުޅަނދަކީ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައި ނުވަތަ އެ ގައުމެއްގެ ދިދަ ނަގާފައިވާ އުޅަނދެއް ކަމުގައިވާނަމަ އެވެ.