ހަބަރު

10 އަހަރަށްފަހު ހަމީދު ވީޓީވީއާ ދުރަށް!

އެންމެ ގިނަ ދުވަސްވީ ޕްރައިވެޓް ޓީވީ ސްޓޭޝަން، ވީޓީވީގައި 10 އަހަރު ހޭދަކުރުމަށްފަހު އެ ޓީވީއާ އަހުމަދު ހަމީދު އާދަމް (ވަޖޭ) ދުރަށް ހިނގައްޖެ އެވެ. އޭނާ ވީޓީވީގެ ވަޒީފާ ދޫކޮށް އިސްތިއުފާ ދިނީ އިއްޔެ އެވެ.

އޮގަސްޓް ފަސްވަނަ ދުވަހު ހަމީދު އިސްތިއުފާ ދީފައިވާއިރު އޭނާ ވީޓީވީއާ ގުޅުނީ މީގެ 10 އަހަރު ކުރިން 2009 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ވީޓީވީގެ މޫނުގެ ގޮތުގައި ވެސް ސިފަވެފައިވާ ހަމީދުގެ ކުއްލި މި ނިންމުމުގެ ސަބަބު އޭނާ ހާމައެއް ނުކުރި އެވެ.

އެކަމަކު ހަމީދު ބުނީ މިވަގުތަށް ވީޓީވީއާ ދުރަށް ދިޔައީ ކަމަށާއި ނޫސްވެރިކަން ހުއްޓާލީ ނޫން ކަމަށެވެ. އެހެން ޓީވީއަކުން ކައިރި މުސްތަގުބަލެއްގައި ފެނުން ދުރު ނަމަވެސް އޭނާގެ ނޫސްވެރިކަމުގެ ޝައުގުގެ ބޮޑުކަމުން އެކަމުގެ ތެރޭގައި އުޅޭނެ ކަމަށް ބުންޏެވެ.

ހަބަރު ކިޔުމާއި ލައިވް ޝޯ ކަވަރޭޖްތަކުން ހާއްސަ ސަމާލު ކަމެއް ހޯދި ހަމީދު، ވީޓީވީގައި ހޭދަކުރި 10 އަހަރަކީ އެތައް އެތައް ގޮތަކުން އޭނާއަށް ހާއްސަ އަހަރުތަކެކެވެ. ނޫސްވެރިކަމުގެ އެންމެ އާދައިގެ ނޫސްވެރިއެއްގެ ގޮތުގައި ވީޓީވީއަށް ގުޅިގެން ކުރި މަސައްކަތުން މުޅި ރާއްޖެ ދަންނަ މޫނަކަށްވުމުގައި ގިނަ މަސައްކަތްތަކެއް އޭނާ ކުރި އެވެ.

އެގޮތުން ހަމީދުގެ އެންމެ ހިތާ ގާތް ޕްރޮގްރާމަކީ އޭނާ މި ވޭތުވެދިޔަ އަހަރު މެދުކަނޑުމެއް ނެތި ގެނެސްދިން "މެހެމާންސާރާ" ޕްރޮގްރާމެވެ. ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ކެއުމަށްފަހު ހަމީދަށް އެ ގަޑި ހުސް ކުރާ އެތައް ބަޔަކު އެބަ ތިއްބެވެ. އޭނާ ވަނީ މެހެމާންސާރާގެ 200 ޕްރޮގްރާމް ގެނެސްދީފަ އެވެ. އޭގެ ތެރެއިން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއެކު ހުށަހަޅައިދިން ޕްރޮގްރާމް ހާއްސަ އެވެ. އޭގެ އިތުރުން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާއެކު ނެގި ޕްރޮގްރާމް ވެސް ތަފާތު ތަޖުރިބާއެކެވެ. އެއީ އަދި ނުދައްކާ އޮތް އެޕިސޯޑެކެވެ.

ވީޓީވީގައި ހޭދަކުރި 10 އަހަރުގެ ތެރެއިން ނުވަ އަހަރު މެދުކަނޑުމެއް ނެތި މުހިންމު ގަޑިތަކުގެ ހަބަރުތައް ހަމީދު ކިޔެ އެވެ. މުހިންމު ގިނަ ލައިވް ކަވަރޭޖްތަކުގައި އުޅުނީ ހަމީދެވެ. ދީނީ، ސިޔާސީ އަދި އިޖުތިމާއީ ޕްރޮގްރާމްތަކުގެ އިތުރުން މީހުން ހެއްވާލައި މަޖާ ޝޯތައް ވެސް ހުށަހެޅި އެވެ. ތަފާތު ގޮތަކަށް ގެނެސްދިން "ސަޓަޑޭ ނައިޓް ލައިވް"އަކީ އޭގެ އެއް ޝޯ އެވެ. ލައިވް ކަވަރޭޖްތަކަށް ބަލާއިރު ވީޓީވީއަށް ހަމަލާދިން ދުވަހު ވެސް އޭނާ އިނީ ލައިވްގަ އެވެ. ޓީވީ ސްޓޭޝަނަށް ގެއްލުންވަމުންދިޔަ އެ ބިރުވެރި ދަނޑިވަޅުގައި ވެސް އޭނާގެ ސާބިތުކަން ޓީވީގައި ދައްކާލި އެވެ.

ބޮޑެތި ޝޯތައް ވެސް މިހާރު ހުށަހަޅައިދޭ ހަމީދު، އެންމެ ފުރަތަމަ ޓީވީއަށް އެރި ދުވަހަކީ ވެސް ވަކިން އާދައިގެ ދުވަހެއް ނޫނެވެ. ތިލަފުށީގައި އޭރު ވީޓީވީ ހިންގަމުންދިޔައީ ވަރުގަދަ އުސޫލުތަކާއެކު އެވެ. ވެރިންގެ ހުއްދަ ނެތި އެއްވެސް މީހަކަށް ވީޓީވީގެ ކެމެރާތަކުގެ ކުރި މައްޗަށް ނޭރޭނެ އެވެ. ނަމަވެސް ހަމީދަށް އެ ހުއްދަ ނުލިބި އޮތްވައި، މީހަކު ނެތުމުން ޕްރޮގްރާމަކަށް އަރާލި އެވެ. އެއީ މިހާރު ވެސް ގެނެސްދޭ، "ހަ ފަރާތް" ޕްރޮގްރާމެވެ. އޭނާގެ ހުށަހެޅުން ވެރިންނަށް ކަމުދިޔަސް އުސޫލާ ހިލާފުވުމުން ހިތްހަމަނުޖެހުން ލިބުނެވެ.

ފުރަތަމަ ހަބަރު ކިޔަން ވެސް އެރީ އެފަދަ ހާލަތެއްގެ ތެރެއިންނެވެ. އެ ދުވަހު ހަބަރު ކިޔަން ހަމަޖެހިފައި އޮތް ޕްރެޒެންޓާ ކުއްލިއަކަށް ކޮށި އެރީ އެވެ. ހާލު ގޯސްވެ އޭނާއަށް ޖެހުނީ ކެމެރާ ކުރިމަތިން ފައިބާށެވެ. އޭރު ގިނަ ހަބަރު ހުރީ ނުކިޔަ އެވެ. އަމިއްލަ ކޯޓެއް ވެސް އޭރު ފަހާފައި ނެތް ހަމީދު، ގަޔަށް ބޮޑު އެހެން މީހެއްގެ ކޯޓެއް ވައްޓާލައިގެން އަވަސް އަވަހަށް ކެމެރާ ކުރިމައްޗަށް އަރައި ހަބަރު ކިޔަން ފެށީ އެވެ. އެތައް ފަހަރަކު "މާފު ކުރައްވާ" ބުނަން ޖެހުނަސް އޭނާއަކީ މުސްތަގުބަލެއް އޮތް މީހެއްކަން އެ ދުވަހު ސްޓޭޝަންގެ ވެރިންނަށް ސާބިތުކޮށްދިނެވެ. އެ ދުވަހުން ފެށިގެން އޭނާގެ ނަން ހަބަރު ކިޔާ ޝެޑިއުލްގެ ތެރެއަށް ވަދެގެން ދިޔަ އެވެ. ވީޓީވީ ދޫކޮށް އެ ދަނީ ވެސް އެ ޝެޑިއުލްގައި އެންމެ ގާބިލް ނަމަކީ އޭނާގެ ނަން ކަމަށް ހެދުމަށްފަހު އެވެ.

ވީޓީވީގައި ހަމީދު ހޭދަކުރި 10 އަހަރުގެ ކާމިޔާބީގައި އޭނާގެ ޝުކުރު ހައްގު ކުރާ ގިނަ ބަޔަކު އެބަ ތިއްބެވެ. އެންމެ ހާއްސަ ޝުކުރެއް އޭނާ ރައްދު ކުރަނީ ވީޓީވީގެ ބާނީ ގާސިމް އިބްރާހިމަށެވެ. ޒުވާނުންނަށް އެމަނިކުފާނު ދެއްވާ ފުރުސަތުތައް އޭނާ ބަލައިގަނެވެ. ހަމައެހެން، ވީޓީވީގެ އެކި ދުވަސްވަރުގެ ވެރިންނަށް ވެސް އޭނާގެ ޝުކުރު އެބަ އޮތެވެ. އަމީން، ހަލީލު، ޝަމީމް އަދި މޮންދު އެއީ އެއިގެން ނަން ނަމެވެ. ދެން އޮތީ ހަމީދަށް ހިތްވަރު ދިނުމާއި ދަސްކޮށްދިނުމުގައި ހުރި އިމާދު ލަތީފުގެ ނަމެވެ. އެއަށްފަހު ހަމީދުގެ ނޫސްވެރިކަމުގެ ހަޔާތަށް އެންމެ ބޮޑު އެހީއެއްވެ ދިން އަދި ވަމުންދާ ގާތް އެކުވެރިޔާ މުންޑޫ އާދަމް ހަލީމުގެ ނަމެވެ.

ވީޓީވީއިން ވަކިވެ ދިޔުމުގެ ހިތާމާ ހަމީދަށް އަދި އޭނާގެ މަސައްކަތަށް ލޯބިކުރާ މީހުންނަށް އޮތަސް، އޭނާގެ އަޑާއި މޫނު އެހާ ފަސޭހައިން ފަނޑުވެގެން ނުދާނެ ކަމުގެ ޔަގީންކަން ހަމީދު ދެނީ އުފަލާއެކު އެވެ.