ހަބަރު

ބޮޑެތި ކުށްތަކާގުޅޭ ސަރަހައްދީ އެއްބަސްވުމަށް ރުހުން ހޯދަން މަޖިލީހަށް

ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިސްނަގައިގެން ގާއިމްކުރަން ހުށަހަޅާފައިވާ އެ އެއްބަސްވުމަކީ ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓާ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ގާއިމުކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމެއް ކަަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން އެ ގައުމުތަކަށް ލިބޭ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގެއްލުންތައް އިތުރުވަމުންދާތީ އެފަދަ ގެއްލުންތަކުން ރައްޔިތުންގެ ފުރާނައާއި އެހެނިހެން ހައްގުތަކާއި ގައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ދެނެގަތުން ކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ އުސޫލުތަކާއި އެ އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުގެ ގާނޫނުތަކުގެ އަލީގައި އެއް ގައުމުން އަނެއް ގައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމްކޮށް ގައުމުތަކުގެ ދާހިލީ ކަންތައްތަކަށް ބުރޫނާރާނެހެން، އެފަދަ ކުށްކުރުން ހުއްޓުވުމަށް އެއެއްބަސްވުމުގެ ދަށުން މަސައްކަތްކުރާނެ ކަމަށާއި، އެގޮތުން ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާ ކުރުމުގެ މުހިންމުކަން ދެނެގަތުމާއިއެކު، ކަމާގުޅޭގޮތުން ހެދިފައިވާ ބައިނަލްއަގުވާމީ އެކިއެކި މުއާހަދާތަކުގައިވާ ކަންތައްތައް ތަންފީޒުކުރާނެ ކަމަށެވެ.

އެ ގައުމުތަކުގެ މެދުގައި އެއްބަސްވެގެން ހިންގާ ބައިނަލްއަގުވާމީ އޮޕްރޭޝަންތައް ރާވާ، ހިންގާ އަދި ވިލަރެސްކުރުމުގެ ގޮތުން "ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ގެ ނަމުގައި ސްރީލަންކާގައި ސެންޓަރެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށާއި، އެފަދަ ކުށްތަކާގުޅޭ މައުލޫމާތު އެއްކޮށް، ރައްކާތެރިކޮށް ބަލަހައްޓާ، އަދި ބޭނުންޖެހިއްޖެ ހިނދެއްގައި އެފަދަ މައުލޫމާތު އެއް ގައުމުން އަނެއް ގައުމާ ހިއްސާކުރެވޭކަން ސެންޓަރުން ކަށަވަރުކުރުކުރާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެއެއްބަސްވުމުގެ ދަށުން ސެންޓަރެއް ގާއިމުކޮށް ހިންގަން ފެށުމަކީ، ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލްކޮށް، ދިވެހިރާއްޖޭގެ ސަރަހައްދުގައި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، އިންސާފު ގާއިމުކޮށް، މިފަދަ ކުށްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ އިޖުތިމާއީ، އިގްތިސާދީ އަދި އެހެނިހެން ގެއްލުންތައް ކުޑަކޮށް، ރައްޔިތުންގެ ފުރާނައާއި މުދާލާއި އެހެނިހެން ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރާނީ ރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރުގެ މެދުގަ އެވެ.