ހަބަރު

149 ކިލޯ މައްސަލަ: ވާނުވާ ނޭނގޭ ބަންދެއްގައި؟!

ފުލުހުން ވަރަށް ބޮޑު ކާމިޔާބީއެއް ގޮތުގައި ދެކުނު 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރެވި އެމީހުން މިހާރު ތިބި ބަންދާމެދު ސުވާލު އުފެދި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކަނޑު މަގުން ރާއްޖެއަށް އެތެރެކުރި ކަމަށް ބުނާ އެހާ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ ގދ. އަތޮޅުގެ ފަޅު ރަށަކުންނެވެ. އެއީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. ފަޅު ރަށުން ހޯދި މަސްތުވާތަކެއްޗާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށް، ލޯންޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކުރީ ހަތަރު މީހެކެވެ.

އެ ފަސް މީހުންގެ މައްޗަށް ވެސް ތަހުގީގު ހިންގައި ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. އެ މައްސަލާގައި އެމީހުންގެ މައްޗަށް ދައުވާ އުފުލައި ކުރިމިިނަލް ކޯޓަށް ފޮނުވި އެވެ. އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ނަމަވެސް އެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކޮށްލި އެވެ. އެއީ އެ މައްސަލައަކީ ކުރިމިނަލް ކޯޓުގެ ބެލުމުގެ އިހްތިސޯސް ނެތް އަދި ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ތުހުމަތެއްގައި މީހަކު ހައްޔަރުކޮށްފައިވާނަމަ، ހައްޔަރުކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެމީހަކަށް ދައުވާ އުފުލައި ކޯޓަށް ފޮނުވަންޖެހެ އެވެ. މި މައްސަލާގައި ޖޫން މަހުގެ 28 ވަނަ ދުވަހަށް ވަނީ އެ މުއްދަތު ހަމަވެފަ އެވެ. މިއަދަށް 60 ދުވަސްވެ އޭގެ އިތުރަށް ވެސް އެއް މަސް ވެފައިވާއިރު މި ވަގުތު އެ މައްސަލާގެ އެއްވެސް ދައުވާއެއް އެއްވެސް ކޯޓެއްގައި ނެތް ކަމަށް މި މައްސަލާގައި ތުހުމަތުވާ ދެ މީހެއްގެ ދެ ވަކީލުން ވެސް އަވަސްއަށް ކަށަވަރުކޮށް ދިނެވެ.

ނަމަވެސް މިކަމުގައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ބަހެއް ނުލިބެ އެވެ.

ވަކީލް ވިދާޅުވީ ދައުވާ ކުރަން ޖެހޭ މުއްދަތު ހަމަވެގެން ދިޔަތާ ވެސް އެތައް ދުވަހެއްވީއިރު ވެސް އެމީހުން ބަންދުގައި ތިބޭ ތިބުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެމީހުން މިވަގުތު ބަންދުގައި ބެހެއްޓޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ. ތަހުގީގަކަށް ބެހެއްޓޭނެ އެންމެ ދިގު މުއްދަތު ހަމަވެފައިވާއިރު ޝަރީއަތެއް ނެތްކަން ވަކީލް ފާހަގަކުރެއްވި އެވެ. އެހެންވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެބިއަސް ކޯޕަސް އަމުރަކަށް އެދި ވަނީ ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގައި ކުރިމިނަލް ކޯޓުން އަޑުއެހުމެއް ވެސް ނުބާއްވާ ވަކި ގޮތެއް ވެސް ނުނިންމާ ކަމަށް ވަކީލް މައުލޫމާތު ދެއްވި އެވެ.

އޭގެއިތުރުން އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ނެރެނު ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ބަންދު ރިވިއު ކުރުމުގެ މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އިހުތިސޯސް ނެތް ކަމަށް ބުނެ އެ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްފަ އެވެ. އެހެން ނިންމީ ކުރިމިނަލް ކޯޓުގައި މައްސަލާގައި ދައުވާކޮށްފައިވާތީ އެވެ. ނަމަވެސް ވަކީލް ވިދާޅުވީ ގައްދޫ ކޯޓުން އެ ނިންމުން ނިންމިއިރު ކުރިމިނަލް ކޯޓުން އޮތީ ދައުވާ ބޭރުކޮށްލާފަ ކަމަށެވެ.

ވަކީލް ވިދާޅުވި ގޮތުގައި ގާނޫނީ މުއްދަތު ހަމަވުމުގެ އިތުރަށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއިރު ކަސްޓަޑީ ޖަލެއްގައިި ބަހައްޓާފައިވުމަކީ ވެސް ގާނޫނާ ހިލާފު ކަމެކެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާނަމަ ކުރަން ޖެހޭނީ ރިމާންޑް ޖަލެއްގަ އެވެ.

އެގޮތަށް ފުލުހުން އަމަލުކޮށްފައިވަނީ ހައްޔަރުކޮށްފައިވާ މީހުން އަތުލައިގަތުމުގައި ފުލުހުން އެމީހުންނަށް އަނިޔާކޮށްފައިވާތީ ކަމަށް ވަކީލް ތުހުމަތު ކުރެއްވި އެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ނިޝާންތައް ވަކީލުން އެމީހުންނާ ފުރަތަމަ ބައްދަލުކުރިއިރު ވެސް ފެންނަން ހުރި ކަމަށެވެ. އެ ނިޝާންތަކާއެކު ކަރެކްޝަނަލް ސާވިސްއިން އެމީހުންނާ ހަވާލު ނުވާނެ ކަމަށާއި އަދި ފުލުހުން ބޭނުން ވަނީ އެކަން ފޮރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި އަނިޔާކުރި މައްސަލަ ވަނީ އެންއައިސީ އާއި އެޗްއާރްސީއެމްއަށް ހުށަހަޅާފަ އެވެ. ނަމަވެސް އެންއައިސީ ވެސް އެ މައްސަލަ ބެލުމަށް ދިޔައީ އެއް މަސް ވަރުވީ ފަހުން ކަމަށާއި އޭރު އަނިޔާގެ ނިޝާންތައް ފަނޑުވެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. މިހާތަނަށް ދެ ކޮމިޝަނުން ވެސް މައްސަލާގައި ވަކި އެއްޗެއް ނުބުނާ ކަމަށް ވަކީލް ވިދާޅުވި އެވެ.