ހަބަރު

މި އަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

މި އަހަރު ވެސް އަލްހާ އީދު ދުވަހުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މާލެ ސަރަހައްދުގައި މިފަހަރު އީދު ނަމާދުކުރާނެ ތަންތަނާއި މިސްކިތްތައް ކަނޑައަޅައި އިއުލާންކޮށްފަ އެވެ. އެގޮތުން މާލޭގައި ބާއްވާ އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި ބާއްވާއިރު ހުޅުމާލެއާއި ވިލިމާލޭގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދުﷲ ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މާލޭ ސްޓޭޑިއަމްގައި ތިން ޓާފް ދަނޑު އޮންނަ އިރު ދެ ދަނޑު ހަމަޖައްސާފަައިވަނީ، ފިރިހެނުންނަށް ކަމަށާއި އެންމެ ފަހުން ހެދި ޓާފް އަންހެނުންނަށް ހާއްސަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ހުޅުމާލޭގެ ބޮޑު ޖަމާއަތް ބާއްވަން ހަމަޖެހިފައިވަނީ ސްޓޭޑިއަމް ސަރަހައްދުގައި ކަމަށާއި ވިލިނގިލީގައި އެރަށު ބޯޅަދަނޑުގައި ބާއްވާނެ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އިސްލާމީ މަރުކަޒާއި މާލޭގެ އިތުރުން އަތޮޅު ތެރޭގެ 10 ރަށެއްގައި މިއަހަރުގެ އަލްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރެއްވި އެވެ.

އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު، ނަމާދަށް ދާ މީހުންނާއި އާއިލާތަކަށް ވެލިދަނޑުގައި ޕާކް ކުރެވޭނެ އިންތިޒާމާއި ވުލޫކުރުމުގެ އިންތިޒާމްވެސް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ތައްޔާރު ވަމުން އަންނަ އިރު މޫސުމަށްވެސް ސަމާލުވުމަށް މެޓް އޮފީހާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރެއްވި އެވެ. މިއަހަރުގެ ފިތުރު އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވަނިކޮށް މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ނަމާދު ކުރުން ވަނީ އިސްލާމިކް މިނިސްޓްރީން ކެންސަލް ކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން އެތައް ހާސް ބަޔަކު ސްޓޭޑިއަމަށް ދިޔަ އެވެ.