ހަބަރު

ރަސްފަންނު ދުވާ ޓްރެކު ހަދަން އާސަންދައިން 9 މިލިއަން ހަރަދު ކުރި

ރަސްފަންނު ދުވާ ޓްރެކް ހަދަން، އާސަންދައިން ނުވަ މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ސީއެސްއާރުގެ ދަށުން ގާނޫނާއި ހިލާފަށް އެ ކުންފުނިން ކޮށްގެން ނުވާނެ ކަންކަން ކޮށްފައިވާ ކަން އެ ކުންފުނިން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އެގޮތުން ވިދާޅުވީ، ކުރީގެ ސަރުކާރުން ރަސްފަންނުގައި އެޅި ދުވާޓްރެކް އެޅުމަށް ސީއެސްއާރުގެ ދަށުން އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި، ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ހަރަދުކޮށްފައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސިޓީއަކުން އަންގާފައިވާތީ ކަމަށް ކޮމިޓީގައި އިބްރާހިމް ވިދާޅުވި އެވެ.

ރަސްފަންނަކީވެސް އަދި ރަސްފަންނާއި ގުޅުން އޮތް އެއްވެސް ބިމަކީ އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ތަނެެއް ނޫން ކަމަށާއި އެހެންކަމުން އެ ފައިސާ ދުވާ ޓްރެކަށް ހަރަދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން ހިންގާފައިވާ ސީއެސްއާރުގެ އެހެން މަޝްރޫއުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހީމް ހިންގެވި "ޚިތާނީ ކޭމްޕް" އަށްވެސް އާސަންދަ ކުންފުނިން އެއް ލަައްކަ ހަތްދިހަ ހާސް ރުފިޔާ ޙަރަދުކޮށްފައިވާކަމަށެވެ.

އޭގެ ތެރޭގައި، 2016 ވަނަ އަހަރު ބޭއްވި ކޭމްޕަށް އެއް ލަައްކަ ހަރަދުކޮށްފައިވާ ކަމަށާއި 2017 ވަނަ އަހަރު ބޭއްވި ކޭމްޕަށް 70 ހާސް ހަރަދު ކުރި ކަމަށް ފާހަގަކުރެއްވި އެވެ. އިބްރާހިމް ވިދާޅުވި ގޮތުގައި ހިތާން ކުރުމަށް އާސަންދައިގެ ތެރެއިން ކޮންމެ ކުއްޖަކަށް ނަގަނީ 1،000 ރުފިޔާ އެވެ. އެކަމަކު، އެ ހަރަދުގެ އިތުރުން ހިތާނީ ފެސްޓިވަލަށް އާސަންދަ އިން ހަރަދު ކުރި ކަމަށާއި މިއީ ވެސް އެ ކުންފުންޏަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން ގާނޫނާއި ހިލާފަށް ހިންގާފައިވާ މި ކަންކަން ކަމާބެހޭ ފަރާތްތަކަށް މިހާރު ހުށަހަޅާފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.