ފުލުހުން ވަރަށް ބޮޑު ކާމިޔާބީއެއް ގޮތުގައި ދެކުނު 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަކީ ގާނޫނާ ހިލާފު ބަންދެއް ކަމަށް ބުނެ ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެބިއަސް ކޯޕަސް އަމުރަކަށް އެދި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރި ހަތަރު މީހުންނަށް ދައުވާނުކޮށް ބަންދުގައި ބަހައްޓާފައި ތިބުމުންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ތުހުމަތެއްގައި މީހަކު ހައްޔަރުކޮށްފައިވާނަމަ، ހައްޔަރުކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެމީހަކަށް ދައުވާ އުފުލައި ކޯޓަށް ފޮނުވަންޖެހެ އެވެ. މި މައްސަލާގައި ޖޫން މަހުގެ 28 ވަނަ ދުވަހަށް ވަނީ އެ މުއްދަތު ހަމަވެފަ އެވެ. މިއަދަށް 60 ދުވަސްވެ އޭގެ އިތުރަށް ވެސް އެއް މަސް ވެފައިވާއިރު މި ވަގުތު އެ މައްސަލާގެ އެއްވެސް ދައުވާއެއް އެއްވެސް ކޯޓެއްގައި ނެތް ކަމަށް މި މައްސަލާގައި ތުހުމަތުވާ ދެ މީހެއްގެ ދެ ވަކީލުން ވެސް އަވަސްއަށް ކަށަވަރުކޮށް ދިނެވެ.
މި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މީގެކުރިން ދައުވާ ވެސް ކުރިމިނަލް ކޯޓުގައި އުފުލި އެވެ. ނަމަވެސް އެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކޮށްލި އެވެ. އެއީ އެ މައްސަލައަކީ ކުރިމިނަލް ކޯޓުގެ ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ އެވެ. އެމީހުން ބަންދުކުރުމުގެ އަމުރު ނެރުނީ އެ ކޯޓުންނެވެ.
ހެބިއަސް ކޯޕަސް މައްސަލަ ބޭރުކޮށްލަން ކުރިމިނަލް ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައި ތިބި މީހުން ތިބީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް ގަބޫލު ކުރެވޭނަމަ ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅޭނީ ވެސް ކަމުގެ އިހްތިސޯސް ހިނގާ ކޯޓަށް ކަމަށެވެ. އަދި ބަންދު އަމުރު ރިވިއު ކުރަން އެދޭ ހާލަތުގައި އެކަން ވެސް ކުރެވޭނީ އެ ކޯޓަކަށް ކަމަށެވެ. އެހެންވެ މައްސަލަ ކުރިމިނަލް ކޯޓަށް ބަލައިނުގަންނަން ނިންމީ ކަމަށް އެ ނިންމުގައިވެ އެވެ.
ކުރިމިނަލް ކޯޓުން މިހެން ނިންމާފައިވާއިރު، މީގެ ކުރިން އެމީހުންގެ ބަންދު ރިވިއުކޮށް ދިނުމަށް ގައްދޫ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ނިންމީ އެއީ އެ ކޯޓުގެ އިހްތިސޯސް ނެތް މައްސަލައެއް ކަމަށެވެ. އެހެން ނިންމީ ކުރިމިނަލް ކޯޓުގައި އޭރު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މައްސަލާގައި ދައުވާ އުފުލާފައިވާތީ ކަމަށް ބުނެ އެވެ. ނަމަވެސް މައްސަލާގައި އުޅޭ ވަކީލް ވިދާޅުވި ގޮތުގައި ގައްދޫ ކޯޓުން އެ ނިންމުން ނިންމިއިރު ކުރިމިނަލް ކޯޓުން އޮތީ ދައުވާ ބޭރުކޮށްލާފަ އެވެ.