ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފާ ދީފި އެވެ. އެގޮތަށް ލަފާ ދީފައިވަނީ އޭނާގެ މައްސަލަ ތަހުގީގުކުރި ޖޭއެސްސީގެ ކޮމެޓީއިންނެވެ.
ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމަށް ހަސަން ސައީދުގެ މައްސަލަ ބެލި ކޮމެޓީގެ ރިޕޯޓް ވަނީ ހުށަހަޅާފަ އެވެ. މިއަދުގެ ބައްދަލުވުމުގައި އެ ރިޕޯޓް ބަލައިގަތުމަށް ކޮމިޝަނުން ނިންމި އެވެ. އެ ރިޕޯޓްގައިވާ ގޮތުން އޭނާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ސާބިތުވެ އެވެ. އެހެންވެ އޭނާ މަގާމުން ވަކި ކުރަން ހުށަހަޅާ ކަމަށެވެ.
މި ރިޕޯޓަށް ޖަވާބުދާރީވުމަށް ހަސަން ސައީދަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
ގާޒީ ހަސަން ސައީދުގެ މައްސަލައިގެ ތަހުގީގު ޖޭއެސްސީގެ ކޮމެޓީއިން ކުރިއަށް ގެންދިޔައީ ހުޅުވާލައިގެންނެވެ. އެ ތަހުގީގުން ހާމަވި ގޮތުގައި ހަސަން ސައީދާމެދު ފެމެލީ ކޯޓުގެ ގިނަ މުވައްޒަފުންތަކެއްގެ ނުރުހުން އެބަ އޮތެވެ. މުވައްޒަފުންގެ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވެ އެވެ.
މުވައްޒަފުން ކޮށްފައިވާ ޝަކުވާތަކަށް އޭނާ ވަނީ ތަހުގީގުގައި ޖަވާބުދެއްވާފަ އެވެ. ނަމަވެސް ތުހުމަތުތަކާއެކު ކުރި އަސަރަކުން އޭނާ ވަނީ ތަހުގީގު ކޮމެޓީ ބައްދަލުވުމުގައި ކީރިތި ވެސް ކުރައްވާފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަމަށް ނިންމައި، މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފޮނުވައިގެންނެވެ. ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ވޯޓު ދީފިނަމަ އޭނާގެ މަގާމު ގެއްލުނީ އެވެ. މިގޮތަށް މަޖިލީހުން މިހާތަނަށް ވަކިކޮށްފައިވަނީ އެންމެ ފަނޑިޔާރެކެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ވެސް ލަފާ ދީފަ އެވެ. ނަމަވެސް އަދި ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަމަށް ގޮތެއް ނުނިންމަ އެވެ.