ހަބަރު

އިސް މެޖިސްޓްރޭޓް ރާގިބު ވެސް ވަކިކުރަން ލަފާ ދީފި

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފާ ދީފި އެވެ.

އެގޮތަށް ލަފާ ދީފައިވަނީ އޭނާގެ މައްސަލަ ތަހުގީގުކުރި ޖޭއެސްސީގެ ކޮމެޓީއިންނެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމަށް ރާގިބުގެ މައްސަލަ ބެލި ކޮމެޓީގެ ރިޕޯޓް ވަނީ ހުށަހަޅާފަ އެވެ. މިއަދުގެ ބައްދަލުވުމުގައި އެ ރިޕޯޓް ބަލައިގަތުމަށް ކޮމިޝަނުން ނިންމި އެވެ. އެ ރިޕޯޓްގައިވާ ގޮތުން އޭނާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ސާބިތުވެ އެވެ. އެހެންވެ އޭނާ މަގާމުން ވަކި ކުރަން ހުށަހަޅާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މި ރިޕޯޓަށް ޖަވާބުދާރީވުމަށް ރާގިބަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

އިސް މެޖިސްޓްރޭޓް ރާގިބުގެ މަގާމުން ވަކި ކުރަން ލަފާ ދީފައިވާއިރު ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ ޖޭއެސްސީއިން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަކި ކުރި ފުރަތަމަ ފަނޑިޔާރެވެ.

އޭގެ އިތުރުން ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމްގެ ހަތަރު މައްސަލައަކާއި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ މައްސަލައެއް ވެސް ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ. މީގެކުރިން ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ވެސް ލަފާ ދީފަ އެވެ. ނަމަވެސް އަދި ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަމަށް ގޮތެއް ނުނިންމަ އެވެ.