ހަބަރު

މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. އެއީ އޭނާއާ ގުޅޭ ގޮތުން ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. ނަމަވެސް އެ ޝަކުވާއަކީ ކޮބައި ކަމެއް ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީއިން ބުނީ އޭނާ ވަޒީފާއަށް ނުނުކުމެ މަޑުކުރަން އެންގީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެކެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ލ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލައެއް ވެސް ހުށަހެޅިފައިވެ އެވެ. އެއީ އޭނާގެ ހާޒިރީގެ މައްސަލައެކެވެ. މިއަދު ޖޭއެސްސީއިން ވަނީ އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެަޑްމިނިސްޓްރޭޝަންއަށް ފޮނުވަން ނިންމާފަ އެވެ.

އޭގެއިތުރުން ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީއަށް މިއަދު ވަނީ ލަފާ ދީފަ އެވެ. އެގޮތަށް ލަފާ ދީފައިވަނީ އޭނާގެ މައްސަލަ ތަހުގީގުކުރި ޖޭއެސްސީގެ ކޮމެޓީއިންނެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމަށް ރާގިބުގެ މައްސަލަ ބެލި ކޮމެޓީގެ ރިޕޯޓް ވަނީ ހުށަހަޅާފަ އެވެ. މިއަދުގެ ބައްދަލުވުމުގައި އެ ރިޕޯޓް ބަލައިގަތުމަށް ކޮމިޝަނުން ނިންމި އެވެ. އެ ރިޕޯޓްގައިވާ ގޮތުން އޭނާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ސާބިތުވެ އެވެ. އެހެންވެ އޭނާ މަގާމުން ވަކި ކުރަން ހުށަހަޅާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މި ރިޕޯޓަށް ޖަވާބުދާރީވުމަށް ރާގިބަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

އިސް މެޖިސްޓްރޭޓް ރާގިބުގެ މަގާމުން ވަކި ކުރަން ލަފާ ދީފައިވާއިރު ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ ޖޭއެސްސީއިން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަކި ކުރި ފުރަތަމަ ފަނޑިޔާރެވެ.

އޭގެ އިތުރުން ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމްގެ ހަތަރު މައްސަލައަކާއި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ މައްސަލައެއް ވެސް ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ. މީގެކުރިން ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ވެސް ލަފާ ދީފަ އެވެ. ނަމަވެސް އަދި ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަމަށް ގޮތެއް ނުނިންމަ އެވެ.