ވިޔަފާރި

ބޭރުގައި ދިވެހިންކުރާ ޗުއްޓީ ހަރަދު ބޮޑުތަން އިތުރުވެއްޖެ

ރާއްޖޭން ބޭރަށް ޗުއްޓީ ހޭދަކުރަން ދާ ދިވެހިންގެ ހަރަދު ހަތަރު އަހަރު ތެރޭގައި ބޮޑުތަން އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ދިވެހިން ރާއްޖެ އިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ދައްކާ ގޮތުގައި 2015 އިން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދިވެހިންގެ ބޭރުގެ ޗުއްޓީ ހޭދަ ދަނީ މަތިވަމުންނެވެ. މިގޮތުން 2015 ވަނަ އަހަރު އެވްރެޖު ގޮތުގައި ބޭރަށް ދާ ދިވެއްސަކު ބޮލަކަށް 780 ޑޮލަރު ހޭދަކުރި ނަމަވެސް 2018 ވަނަ އަހަރު މި އަދަދު ވަނީ 890 ޑޮލަރަށް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ ހަތަރު އަހަރުގެ ސާވޭގެ ނަތީޖާ އަށް ބަލާއިރު ދިވެހިން ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައި ވަނީ ޗުއްޓީ ހޭދަކުރާށެވެ. އަދި އެންމެ ގިނަ މީހުން ގޮސްފައިވަނީ އިންޑިއާ އަދި ސްރީލަންކާ އަށެވެ.

ޗުއްޓީއަށް ދާ ދިވެހިންގެ އަދަދު އިތުރު

ރާއްޖެ އިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ދަތުރު ކުރާ ދިވެހިންގެ އަދަދު ވެސް އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖެ އިން ބޭރަށް ދަތުރު ކުރި ދިވެހީންގެ ތެރެއިން 27 ޕަސެންޓު މީހުން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރިއިރު 2018 ވަނަ އަހަރު މި އަދަދު ވަނީ ނިސްބަތުން އިތުރުވެ 41 ޕަސެންޓަށް އަރާފަ އެވެ.

ސާވޭ ދައްކާ ގޮތުން ބޭރަށްދާ ދިވެހިން ޕީކް ސީޒަންއާ އަޅާބަލާއިރު އޮފް-ޕީކް ސީޒަންގައި ދިވެހީން ރާއްޖެ އިން ބޭރުގައި ކުރި ހަރަދު އިތުރުވެފައިވާކަން ފާހަގަ ކުރެވެ އެވެ. ޗުއްޓީގައި ހުރި ހޭދަ ވަނީ 20 ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރުގެ އީދު ޗުއްޓީ އަށް ބަންދުވެފައިވާއިރު، މިހާރު ވެސް ގިނަ ބަޔަކު ދަނީ ބޭރަށް ފުރަމުންނެވެ. މިގޮތުން ރާއްޖޭން ބޭރުގައި ޗުއްޓީ ހޭދަކުރަން ދާ މީހުންގެ އަދަދު މި އަހަރު ގިނަ ވާނެ ކަމަށް ބެލެވެ އެވެ.