ހަބަރު

ޓިކެޓް ކިޔުގައި އެއް ދުވަސް، ދެ ދުވަސް!

ވެލާނާ އެއާޕޯޓުން: ނާޒިމް ހަސަން
Aug 10, 2019
13

މިފަހަރުގެ ބޮޑު އީދާއެކު ލިބުނު ބޮޑު ޗުއްޓީގައި އެއްވެސް މީހަކު މާލޭގައި ހުންނަން ބޭނުންވާ ހެނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބަލާލުމުން ހިއެއް ނުވެ އެވެ. އެންމެން ވެސް ދަބަސްތައް އެއްކޮށްގެން ފުރަފުރައިގެން ދަނީ އެވެ. ރަށްރަށުގައި ޗުއްޓީއަށާއި އަމިއްލަ އާއިލާ ގާތަށެވެ. އެއް ބަޔަކު ހެވިފައި ފްލައިޓަށް އަރާއިރު އަނެއް ބަޔަކު ތިބީ އެހާ މާޔޫސްވެފަ އެވެ.

އެއާޕޯޓުން ދިމާވި މެދު އުމުރުގެ ފިރިހެނެކެވެ. އޭނާ އެއާޕޯޓްގައި އުޅޭތާ ތިން ދުވަސްވީ އެވެ. ދަބަސް ހިފައިގެން އެއާޕޯޓަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހެވެ. ކުއްލިއަކަށް ލިބުނު ޗުއްޓީއާއެކު ކުރިން ޓިކެޓެއް ނުނެގުނެވެ. އެހެންވެ ޖެހުނީ ވެއިޓް ލިސްޓްގައި މަޑުކުރާށެވެ. އެއީ ބޮޑު ކިޔުއެކެވެ.

މޯލްޑިވިއަންއިން ވީހާވެސް ގިނަ ބަޔަކަށް ޖާގަ ދިނުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ހުރިހާ ފްލައިޓަކަށް ދަނީ ވެއިޓް ލިސްޓްކޮށް ދެމުންނެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެ މަންޒިލަކަށް ވެސް އެންމެ ފުރަތަމަ އޮންނަ ފްލައިޓްގެ ޗެކިން ފެށޭއިރަށް ލިސްޓްގައި ނަން ނޯޓްކޮށްދޭން ފަށަ އެވެ. އަދި އެ ލިސްޓްގެ ތަރުތީބުން ކިރިޔާ ވެސް ޖާގައެއް ހުސްވާއިރަށް ނޫނީ ލިބޭއިރަށް ފުރުސަތު ދެމުންދެ އެވެ. އެކަމަކު، ފްލައިޓްތަކުގެ ބިޒީކަމުންނާއި ދަތުރުތައް ގިނަ ކަމުން އޮންނަނީ ކޭޓާ ނުކުރެވިފަ އެވެ.

މިހާ ބާރު ބޮޑުވެ، ޓިކެޓް ނުލިބިގެން މީގެކުރިން އެއްވެސް އިރެއްގައި އުޅެން ނުޖެހެ އެވެ. އީދުތަކާ ދިމާކޮށް ވެސް ވެއިޓް ލިސްޓް ކުރާ އެންމެން ކަހަލަ ގޮތަކަށް ޖާގަ ލިބެ އެވެ. މިފަހަރު ތަފާތެވެ. މާލެ ދޫކުރާ މީހުން މާ ގިނައީ އެވެ. މާލޭގެ މަގުތައް އެކަމަށް ހެކިދެ އެވެ.

"ބޭބެ ލިސްޓްގައި ޖެއްސިން ބުރާސްފަތި ދުވަހު، އެ ދުވަހު ލިބުނީ 12 ވަނަ، ޖާގައެއް ނުލިބުން، ހުކުރު ދުވަހު ވެސް ކިޔުއަށް އެރިން، ލިބުނީ 20، ދެވޭ ގޮތެއް ނުވި، މިއަދު މިހުރީ އެންމެ ފަތިހާ ކިޔުއަށް އަރާ، ލިބުނީ އެއްވަނަ،" ކައްދޫއަށް ދަތުރުކުރުމުގެ އުއްމީދުގައި ހުރި ބޭބެ ބުންޏެވެ.

ވެއިޓް ލިސްޓަށް ބަލާއިރު އެންމެ ބާރު ބޮޑީ ހަނިމާދޫއަށެވެ. އިއްޔެ ވެސް ހަނިމާދޫގެ ވެއިޓް ލިސްޓްގައި 80 އަށްވުރެ ގިނަ މީހުން ނޯޓުކުރި އެވެ. މިއަދު މިހާތަނަށް ވެސް އެ ލިސްޓްގެ އަދަދު 50 އަށްވުރެ މަތިވެއްޖެ އެވެ.

"އަސްލު ހަނިމާދޫއަށް މިހާ ބާރު ބޮޑު މިވީ ލޯންޗަކާހެދި، އެ ލޯންޗު ވަނީ އެތައް ދުވަހެއް ކުރިން ގިނަ ދަތުރުތަކަށް އީދަށް ޓިކެޓް ވިއްކާފަ، އެކަމަކު އެންމެ ފަހު ވަގުތު އިއްޔެ އެންގީ ލޯންޗަށް ދަތުރު ކުރެވެން ނެތް ކަމާއި ރީފަންޑް ބަލާ އައުމަށް، ގިނަ އާއިލާތަކަކަށް މީގެ ސަބަބުން ލަނޑު ލިބިފަ މިތިބީ،" ހަނިމާދޫއަށް ވެއިޓް ލިސްޓްކުރި މީހަކު ބުންޏެވެ.

ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ ތިން އަތޮޅަށް މީހުން އަންނަ އެއާޕޯޓެކެވެ. ދުވާލަކު ނުވަ ފްލައިޓް އޮންނައިރު ވެސް ގިނަ ބަޔަކަށް ޓިކެޓް ލިބޭ ގޮތެއް ނުވެ އެވެ. އެމީހުން ތިބީ މުޅިން މާޔޫސްކޮށްލާފަ އެވެ. ގިނަ ބަޔަކު އަލަށް ހުޅުވި ކުޅުދުއްފުށީ އެއާޕޯޓް މަގުން ރަށަށް ދެވޭތޯ ވެސް ބަލަ އެވެ. ނަމަވެސް އެއީ މާ ޑިމާންޑް ބޮޑު ފްލައިޓެކެވެ. ކޮންމެ ދުވަހަކު އެއް ފްލައިޓް އޮންނައިރު މުޅިން އޮންނަނީ ފުލްވެފަ އެވެ.

"ކޮފީއެއް ބޯލައިގެން މިތާ ތިބެނީ މި، ރަށަށް ގޮސް ނޫނީ އެނބުރި މާލެ ދާކަށް ބޭނުމެއް ނުވޭ،" ކާޑެއްދޫއަށް ދެވޭތޯ ލިސްޓްގައި ނަން ލިޔެގެން ހުރި ޒުވާނަކު ބުންޏެވެ.

އާންމުކޮށް އެންމެ ފަތިހުގެ ފްލައިޓްތައް އޮންނަނީ 6:00 އިން ފެށިގެންނެވެ. ޗެކިން ފެށެނީ 4:00 ގަ އެވެ. އެ ފްލައިޓްތަކަށް ވެއިޓް ލިސްޓް ކުރުމަށް މީހުން ކިޔުއަށް އަރަން ފަށަނީ 1:00 ން ފެށިގެންނެވެ. ކޮޅަށް އެ ހުރިހާއިރު ކައުންޓާ ދޮށުގައި ތިބެނީ އެވެ. އަންހެނުން ކުޑަކުދިން މުސްކުޅިން އިސްތިސްނާއެއް ނެތެވެ. އެ ނޫން ގޮތެއް ނެތީމަ އެވެ.

ބައެއް މީހުން ލިސްޓް ދިގުވެގެން ކަރު އެރުވާލައިގެން އެނބުރި ދިޔަ ނަމަވެސް ގިނަ މީހުން އެއާޕޯޓުން ނުނުކުމެ އެވެ. އެތަނުގައި ވަގުތީ ޓެންޓްތައް ހަދައިގެން އާއިލާތައް އެބަ ތިއްބެވެ. ރަށަށް އާއިލާގެ ގާތަށް އީދު ކުރިން ދެވޭނެ ކަމުގެ އުއްމީދުގަ އެވެ.