ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވަޔާއެކު ގުގުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރައިން ލަފާކުރާތީ، ކަނޑުދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރު ކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ގޮތުގައި، ބ އަތޮޅާއި ދ އަތޮޅާއި ދެމެދަށް މިރޭ 19:00 އިން 21:30 އާ ދެމެދު ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެއެވެ. މި ސަރަހައްދަށް މިހާރު ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކަށާއި ގަވާއިދުތަކަށް އަމަލު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކަނޑު ދަތުރު ކުރުމުގެ ކުރިން ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަވެފައިތޯ ބެލުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ހުއްދަ ދީފައިވާ މިންވަރަށް ވުރެ ބަރު ކޮށްގެން ނުދުއްވުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައިި މުވާސަލާތު ކުރަން ބޭނުންކުރާ ސެޓްތަށް މަސައްކަތް ކުރާތޯ ގަވާއިދުން ޗެކް ކުރުމަށް ފުލުހުން ވަނީ ވަރަށް ބޮޑަށް އެދިފަ އެވެ.
މޫސުމަށް އަންނަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅާފައިހުންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިއްޔެ އާއި މިއަދު ވިއްސާރަވުމުގެ ސަބަބުން ކަނޑުމަތީގައި ގިނަ ހާދިސާތަކެއް ހިނގުމުގެ ސަބަބުން ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.